ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ޕީޕީއެމުން ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ އިންތިޚާބުގައި ލިބުނު ކާމިޔާބީއާ ގުޅިގެން ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މަޖިލީހުގެ ރައީސަކީ އަމިއްލަ ވިސްނުންފުޅުގައި "މަޖިލީސް ހުއްޓާލާ އިރަކު ހުއްޓާލާ ގޮތަށް، މަޖިލީސް ކުރިއަށް ގެންދަންވީމާ ކުރިއަށް ގެންދަން އޮންނަ" މަޖިލީހަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި އެ މުއައްސަސާ އަކީ ގާނޫނު އަސާސީން މަތިކޮށްފައިވާ އަމާނާތް ޒިންމާދާރުކަމާ އެކީ ފުރިހަމަކޮށް އަދާކުރަން ޖެހޭ ތަނެއް ކަމަށާއި މަޖިލީހުގެ ރައީސް ކަން ޕީޕީއެމުން ބޭނުން ވަނީ އެ ސަބަބަށް ޓަކައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މި ސަބަބަށްޓަކައި މަޖިލީހުގެ ރައީސްކަން އަޅުގަނޑުމެން ބޭނުންވަނީ. އެއީ ރައްޔިތުންގެ މަޖިލީހަކީ އަޅުގަނޑުމެން ބޭނުންވާ ކުރިއެރުން ހޯދައި ދިނުމަށް ޓަކައި އޮންނަ މުއައްސަސާއަކަށް ވާތީ،" ރައީސް ވިދާޅުވި އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ދެވަނަ އަށް އެންމެ ގިނަ މެމްބަރުން ތިބި ޕާޓީ ކަމަށްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް ވަނީ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވަން ނިންމަވައި އެކަން އިއުލާން ކުރައްވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ކޯލިޝަންގެ ގިނަ މެމްބަރުން އިންތިޚާބުކޮށްދެއްވާފައި ވާތީ ރައީސް ވަނީ ރައްޔިތުންނަށް ޝުކުރުއަދާކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައި ހުރި ކަންތައްތަކަކީ ރައްޔިތުންގެ ވޯޓު ހޯދަން ހިމަނާފައި ހުރި ކަންތައް ނޫން ކަމަށާއި އެއީ ރާއްޖޭގެ "ލޭންޑް ސްކޭޕް" ހީނުކުރާ ފަދަ އުފާވެރި ހިސާބަކަށް ގެންދިޔުމަށް ހިމަނާފައި ހުރި ކަންތައްތަކެއް ކަމަށެވެ. އަދި ސަރުކާރުން ބޭނުން ވަނީ ދިވެހި ރާއްޖެ އެންމެ މިޒަމާނުގެ ރާއްޖެ އަކަށް ބަދަލުކޮށްލުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސިއްޙީ ދާއިރާގެ ޚިދުމަތާ ގުޅޭ ގޮތުން ރައްޔިތުންގެ ޝަކުވާ ބޮޑުވެފައިވާ ކަމަށާއި އެ ޝަކުވާތައް ސަރުކާރުން ބަލައިގަންނަ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުން އެންމެ އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި ސިއްހީ ދާއިރާގެ ޚިދުމަތް ރަނގަޅުކުރުން ހިމެނޭ ކަމަށެވެ.

"އަޅުގަނޑު އެ ޝަކުވާތައް ބަލައިގަންނަން. އެހެންނަމަވެސް އަޅުގަނޑު ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެން އެންމެ އިސްކަމެއްދޭ ކަންތައްތަކުގެ ތެރޭގައި ހިނެނީ ސިއްހީ ދާއިރާގެ ޚިދުމަތްތައް ރަނގަޅު ކުރުން،" ރައީސް ވިދާޅުވި އެވެ.