ދިވެހިރާއްޖޭގެ އާބާދީ އާއި ދިރިއުޅޭ ތަންތަނުގެ "ބޯހިމެނުން 2014"ގެ ސުވާލު ކަރުދާސް ޓެސްޓްކުރުމަށް ހޮވާލެވޭ ބައެއް ގޭބިސީތަކަށް ޒިޔާރަތްކޮށް ޕްރީ ޓެސްޓުތަކެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ޕްލޭނިން އިން ބުނެފި އެވެ.

ޑިޕާޓްމަންޓް އޮފް ނެޝަނަލް ޕްލޭނިން ބުނީ، މާދަމާ ކުރިއަށްގެންދަން ނިންމާފައިވާ އެ ޕްރީ ޓެސްޓުގެ މަގްސަދަކީ ބޯހިމެނުމަށް ތައްޔާރު ކުރެވިފައިވާ ސުވާލު ކަރުދާހުގައި މައްސަލަތަކެއް ހުރިތޯ ބެލުމަށާއި މައުލޫމާތު ނެގުމުގައި ދިމާވާ ދަތިތައް ދެނެގަތުން ކަމަށެވެ.

މާދަމާ ކުރިއަށް ގެންދާ އެ ޕްރީ ޓެސްޓު ކުރިއަށް ގެންދިއުމަށް ހޮވާލެވިފައިވާ، މާލޭގެ ބްލޮކް 134 އަދި 316 ބްލޮކުތަކަށް އެ ޑިޕާޓްމަންޓުގެ މުވައްޒަފުންގެ ޓީމްތަކުން ގޮސް ތަންތަނުގެ އަދި މީހުންގެ ލިސްޓް ފުރިހަމަކޮށް މީހުންގެ ތަފްސީލީ މައުލޫމާތު ފުރިހަމަކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ޑިޕާޓްމަންޓުން ބުންޏެވެ.

"މައުލޫމާތު ނެގުމަށް ކަނޑައެޅިފައިވާ ބައިތަކުގެ ތެރޭގައި ގޭބިސީގެ މައުލޫމާތު، އެ ގޭބިސީއެއްގައި ހިމެނޭ މީހުންގެ މައުލޫމާތު ހިމެނޭ. އާއްމު މައުލޫމާތުގެ ތެރޭގައި ތައުލީމް، ހިޖްރަކުރުން، މަސައްކަތްތެރިކަން، އަދި ކައިވެންޏާއި ދަރިމައިވުމުގެ މައުލޫމާތު ހިމެނޭ،" އެ ޑިޕާޓްމަންޓުން ބުންޏެވެ.

ރާއްޖޭގެ އާބާދީ އާއި ދިރިއުޅޭތަންތަނުގެ "ބޯހިމެނުން 2014"، ސެޕްޓެމްބަރު މަހުގެ ތެރޭގައި ކުރިއަށް ގެންދަން ނިންމާފައިވާއިރު، ސުވާލު ކަރުދާސް ޓެސްޓްކުރުމުގެ ގޮތުން މިދިޔަ މަހުވެސް ޑިޕާޓްމަންޓް އޮފް ނެޝަނަލް ޕްލޭނިން އިން ވަނީ ޕްރީ ޓެސްޓެއް ކުރިއަށް ގެންގޮސްފަ އެވެ.

އެގޮތުން މިއަހަރު ކުރިއަށްގެންދަން ނިންމާފައިވާ ބޯހިމެނުމުގައި ބިދޭސީންގެ މައުލޫމާތު ވެސް ހޯދުމަށް ނިންމާފައިވާއިރު، މިއަހަރު ބޯހިމެނުމުގައި އިންޓަނެޓާއި ޓެލެފޯން ބޭނުންކޮށްގެން ވެސް މައުލޫމާތު ނެގުމަށް ނިންމާފައިވާކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ޕްލޭނިން ބުންޏެވެ.

ރާއްޖޭގައި ފުރަތަމައަށް ބޯހިމަނާފައިވަނީ 1911 ވަނަ އަހަރު އެވެ. އަދި 1985 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޯހިމަނަމުން ގެންގޮސްފައިވަނީ ފަސް އަހަރުން އެއް އަހަރު އެވެ. ނަމަވެސް 2006 ވަނަ އަހަރުގެ ފަހުން މިވޭތުވެދިޔަ ހަތް އަހަރު ބޯހިމަނާފައެއް ނުވެ އެވެ.