26 Mar 2014, 21:50
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރިއެރުމަށް، ސަރުކާރުންނާއި މިނިސްޓްރީގެ ފަރާތުން ފުރިހަމަ އެއްބަރާރުލުމާއި އެހީތެރިކަން ލިބޭނެ ކުޅިވަރާބެހޭ ވަޒީރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.
ގައުމީ ޓީމުގެ ކޯޗުގެ މަގާމާ އަލަށް ހަވާލުވި ކްރޮއޭޝިއާގެ ކޯޗު ޑްރާގޯ މަމިޗް އާއެކު މިއަދު ވެލާނާގޭގައި ބޭއްވި ބައްދަލުވުމުގައި، މިނިސްޓަރު ވިދާޅުވީ، އައު ކޯޗުގެ އިރުޝާދުގެ ދަށުން ކުރިއަށް މިއޮތް އޭއެފްސީ ޗެލެންޖް ކަޕް ފުޓުބޯޅަ މުބާރާތުގައި، ރާއްޖެ ޓީމުގެ ފަރާތުން ރަގަޅު ނަތީޖާތަކެއް ނެރޭނެކަމަށް އުއްމީދު ކުރައްވާ ކަމަށާއި ޓީމުގެ ކޯޗުގެ މަގާމާ ހަވާލުވުމުން، މަމިޗަށް މަރުހަބާ ދަންނަވާ ކަމަށެވެ.
"ގައުމީ ޓީމުގެ ކުރިއެރުމަށް، ސަރުކާރުންނާއި މިނިސްޓްރީގެ ފުރިހަމަ އެއްބަރާރުލުމާއި އެހީތެރިކަން ލިބޭނެ ކަމުގެ ޔަޤީންކަން ދެން" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅަށް ޝުކުރުއަދާ ކުރައްވަމުން، ގައުމީ ކޯޗް މަމިޗް ވިދާޅުވީ، އޭއެފްސީ ޗެލެންޖް ކަޕުގައި ގައުމީ ޓީމުން ރަގަނޅު ނަތީޖާތަކެއް ނެރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ގައުމީ ޓީމު އިތުރަށް ހަރުދަނާ ކުރުމަށް ވިސްނަވާފައިވާ ޕްލޭންތައް ވެސް އައު ކޯޗުވަނީ މިނިސްޓަރާއެކު މިއަދުގެ ބައްދަލުވުމުގައި ހިއްސާކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި، ކުޅިވަރާ ބެހޭ މިނިސްޓުރީގެ އިސްވެރިންނާއި އެފްއޭމްގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އުމުރުން 60 އަހަރުގެ މަމިޗް އަކީ ޗައިނާގެ ގުއަންޒޫ އެވަގްރެނޭޑާއި އިންޑޮނީޝިއާގެ ޕާސިބް ބަންޑުން އާއި އިންޑިއާގެ ޗާޗިލް ބްރަދާސް އާއި މެލޭޝިއާގެ ސަބާހް އެފްސީ އަދި މިޔަންމާ ގައުމީ ޓީމަށް ކޯޗުކޮށްދީފައިވާ ތަޖުރިބާކާރު ކޯޗެކެވެ.