ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޕީޕީއެމްގައި ތިބި މެންބަރުންގެ އަދަދު 100،000 އަށް އިތުރުކުރުމަށްޓަކައި ހާއްސަ ކެމްޕޭނެއް ފެށުމަށް ނިންމާފައިވާ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ މިރޭ ސަން އަށް ވިދާޅުވީ ފަސް އަހަރުގެ ތެރޭގައި އެ ޕާޓީއަށް މެންބަރުން އިތުރު ކުރުމަށްޓަކައި އަންނަ ހަފްތާއެއްގެ ތެރޭގައި ޕާޓީގެ ޓީމުތަށް ރަށްރަށަށް ދަތުރުކުރާނެ ކަމަށެވެ. އަދި މިހާރުވެސް އެ ޕާޓީގެ ދަފްތަރުގައި 56000 އަށްވުރެ ގިނަ މީހުން އެބަ އުޅޭ ކަމަށަށް ވެސް ފޮނަދޫ ދާއިރާގެ މެންބަރު ވިދާޅުވި އެވެ.

"މިވަގުތު ޕާޓީގެ ދަފްތަރުގައި ގާތްގަނޑަކަށް 56000 މީހުން އެބަ އުޅޭ. އަދި ގާތްގަނޑަކަށް 30000 ވުރެ ގިނަ މެންބަރުންގެ ފޯމް ވާނެ އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައި. ނަމަވެސް އިންތިހާބަކަށްފަހު އިންތިހާބެއް އަންނާތީ، އެ ފޯމްތައް ޕްރޮސެސްކުރުމަށް އިލެކްޝަން ކޮމިޝަނަކަށް ވަގުތެއް ނުލިބޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމްއަށް ލިބިފައިވާ ކާމިޔާބީ ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެ އިންތިހާބުގެ ނަތީޖާއިން ރައްޔިތުން މިހާރު މިއޮތް ސަރުކާރު ބަލައިގެންފައިވާކަން އިނގިގެން ހިނގައްޖެ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ ގިނަ ބަޔަކު މިހާރު ރާއްޖެއަށް ތަރައްގީ އާއި ހަމަޖެހުން ގެނެވޭނީ ޕީޕީއެމާއި ގުޅިވަޑައިގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.