އަލަށް އިންތިހާބުވި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވެސް ވާދަކުރާނެ ކަމަށް، އެޕާޓީގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ސަން އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި އަދީބު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ ފަރާތުން ބޮޑު އަޣްލަބިއްޔަތެއް ޕީޕީއެމް އަށް ދިނުމުން މަޖިލީހުގެ ރައީސް ކަމަށް އެޕާޓީން ވާދަ ނުކުރަންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެންގެ ސްޓޭންޑަކީ މިހާ ބޮޑު އަޣުލަބިއްޔަތެއް ރައްޔިތުން އަޅުގަނޑުމެންނަށް ހޯދައިދެއްވީމަ، ޕީޕީއެމުން ޖެހޭނެއޭ ރައީސް ކަމުގެ މަގާމަށް ކުރިމަތިލާން،" ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރައްވަމުން ގެންދަވާ އަދީބު ވިދާޅުވި އެވެ.

ޕީޕީއެމުން މަޖިލީހުގެ ރައީސްކަމަށް ބޭފުޅަކު ނެރޭނެ ކަމަށް އަދީބު ވިދާޅުވިއިރު، ސަރުކާރު ހިންގާ ކޯލިޝަންގައި ދެވަނައަށް އެންމެ ބޮޑު ޕާޓީ ކަމަށްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް މަޖިލީހުގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވުމަށް ވަނީ ނިންމަވައިފަ އެވެ. ގާސިމްގެ ތަރުޖަމާނު އިބްރާހިމް ހަލީލް އިއްޔެ ވިދާޅުވެފައި ވަނީ، މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލެއްވުމަށް ގާސިމް ނިންމެވީ ޕީޕީއެމްގެ ފުރިހަމަ ތާއީދު ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަމާ އެކުގައި ކަމަށެވެ.

"އަޅުގަނޑުމެން ނޯންނާނެ އަދި މިހާތަނަށް އެއްވެސް ޕާޓީއަކާ އެކު މަޝްވަރާ ކޮށްފައެއް ވަކި ބޭފުޅަކަށް މަޖިލީހުގެ ރައީސްކަން ހޯދައިދޭކަށް. އަދި އެހެން ޕާޓީއަކުން ވެސް ނެތް އަޅުގަނޑުމެންގެ ކައުންސިލާ އެފަދަ މަޝްވަރާއެއް ކޮށްފައިވެސް،" ޕީޕީއެމްގެ ނިންމުންތައް ނިންމާނީ، އެޕާޓީގެ ކައުންސިލުން ކަން ފާހަގަކުރައްވައި އަދީބު ވިދާޅުވި އެވެ. "ދެން އެ މަގާމަށް ވާދަކުރެއްވުމަކީ މަޖިލީހުގެ ކޮންމެ މެންބަރަކަށް ވެސް ލިބިގެންވާ ހައްގެއް. އެގޮތުން އެއީ ގާސިމަށް ވެސް ލިބިގެންވާ ހައްގެއް."

އަދީބު ވިދާޅުވީ، މަޖިލީހުގެ ރައީސް ކަމަށް ޕީޕއެމްގެ ފަރާތުން ބޭފުޅަކު ނެރެން ނިންމާފައިވީ ނަމަވެސް އެޕާޓީން ނެރޭނީ ވަކި ބޭފުޅެއްކަން ދަންނަވަން އަދި މާ އަވަސް ކަމަށެވެ. ޕީޕީއެމްގެ ފަރާތުން އެފަދަ ކަންކަމުގައި އަބަދުވެސް ވަކި ގޮތެއް ނިންމަނީ، އެ ޕާޓީގެ ކައުންސިލްގައި މަޝަވަރާ ކުރުމަށް ފަހުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ އެންމެ ބޮޑު ޕާޓީ އަދި ވެރިކަން ހިންގާ މައިޕާޓީ. އަޅުގަނޑުމެންގެ ޕާޓީގައި އެބަ ތިއްބެވި، މަޖިލީހުގެ ތަޖުރިބާ ލިބިވަޑައިގެންފައި ތިއްބެވި، ސީނިއާ އަދި ތައުލީމީ ގާބިލް ބޭފުޅުން." މި ވިދާޅުވި އެވެ.

ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ސަރުކާރުން ޖާގަދޭނެ ވަހަކަތައް ކޯލިޝަން އެގްރީމެންޓުގައި އޮތް ނަމަވެސް، މަޖިލީހުގެ ރައީސް ކަމަށް ވަކި ބޭފުޅަކު ހަމަޖައްސާ ވާހަކަ އެ އެގްރީމެންޓުގައި ނޯންނާނެ ކަމަށް އަދީބު ވިދާޅުވި އެވެ. އަދި މަޖިލީހުގެ ރައީސް ކަމަށް ވަކި ޕާޓީއެއްގެ ބޭފުޅަކު ހަމަޖެއްސުމުން ކޯލިޝަނަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ޕްރޮގްރެސިވް ކޯލިޝަނުން އާ މަޖިލީހުގެ ސާފު އަޣްލަބިއްޔަތު ހޯދާފައިވާ އިރު، މިހާތަނަށް އިއުލާނުކޮށްފައިވާ ވަގުތީ ނަތީޖާ ތަކުން ދައްކާ ގޮތުގައި ޕީޕީއެމުން އެކަނިވެސް މަޖިލީހުގެ 33 ގޮނޑި ކާމިޔާބު ކޮށްފައި ވެއެވެ.