ހުސްވި އަހަރުގެ ފެބްރުއަރީ މަހާ އަޅާ ބަލާއިރު މިއަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަކުގެ މިންވަރު 1.9 ބިލިޔަން ރުފިޔާ ދަށަށް ހިނގައްޖެ އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ، 2013 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް 2.57 ބިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ އިރު، މިއަހަރުގެ ފެބްރުއަރީ މަހު، އެ އަދަދު ވަނީ 1.95 ބިލިޔަން ރުފިޔާ ދަށަށް ގޮސްފައި ކަމަށެވެ.

ކަސްޓަމްސް އިން ބުނީ، ހުސްވި މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރާއި އަދި ރާއްޖެއިން ބޭރަށް މުދާ އެކްސްޕޯޓް ކުރި މިންވަރު ވެސް 24 އިންސައްތަ ދަށަށް ގޮސްފައި ވާއިރު، މިއަހަރުގެ ފެބްރުއަރީ ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވަނީ، 149.70 މިލިޔަން ރުފިޔާގެ މުދާ ކަަމަށެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއިން އެކްސްޕޯޓު ކޮށްފައިވަނީ، 196.40 މިލިޔަން ރުފިޔާގެ މުދާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މި އަހަރުގެ ފުރަތަމަ ދެ މަހުގެ ތެރޭގައި، ޖުމުލަ 4.60 ބިލިޔަން ރުފިޔާގެ މުދާ ރާއްޖެ އެތެރެކޮށްފައި ވާއިރު، އޭގެ ތެރެއިން ބޮޑު ބައެއް އެތެރެ ކޮށްފައިވަނީ، ހަމަ އެކަނި އެކުވެރި އަރަބި އިމާރާތުން ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ. އެގޮތުން އެކުވެރި އަރަބި އިމާރާތުން 1.44 ބިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވާއިރު ދެވަނައަށް އެންމެ ގިނައިން މުދާ އެތެރެ ކޮށްފައި ވަނީ، ސިންގަޕޫރުން ނެވެ. އަދި ތިން ވަނައަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައި ވަނީ، ތައިލެންޑުން ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ، ވޭތުވެދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން އެކްސްޕޯޓު ކުރެވިފައި ވަނީ، 452 މިލިޔަން ރުފިޔާގެ މުދާ ކަމަށެވެ. އެގޮތުން އެންމެ ގިނައިން މުދާ އެކްސްޕޯޓް ކޮށްފައި ވަނީ، ތައިލެންޑް، ދެކުނު ކޮރެއާ އަދި ފަރަންސޭސިވިލާތަށް ކަމަށް ވެސް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ.