އިސްލާމީ ކަންތައްތައް ހަރަދުކުރާނެ ފައިސާ ހޯދާނެ "އިސްލާމީ ވަޤުފު"ތައް އަތޮޅުތަކުގައި ގާއިމްކުރުމުގެ މެމޯރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި އިސްލާމިކް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އާ ދެމެދު މިއަދު ސޮއިކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. އައިޝަތު މުނީޒާ ވިދާޅުވީ، އަތޮޅުތަކުގައި އިސްލާމީ ވަގުފު ގާއިމް ކުރަން މިނިސްޓްރީން ގަސްދުކޮށްގައި ވަނީ "ދާރުލް އީމާން މޮޑެލް" ގެ ތަންތަން އަތޮޅުތަކުގައި ގާއިމް ކޮށްގެން ކަމަށެވެ. އެއީ ފައިސާ ލިބޭނެ ފަދަ އިމާރާތެއް ގާއިމްކޮށް، އެތަނުން ލިބޭ ފައިސާ އިސްލާމީ ކަންކަމަށް ހަރަދުކުރުމެވެ.

" ...އަޅުގަނޑުމެންގެ މަގުސަދަކަށް ވެފައި މިއޮތީ ، އެނގިވަޑައިގަންނަވާނެ ދާރުލް އީމާން ޕްރޮޖެކްޓް، އަޅުގަނޑުމެން މިއުޅެނީ މިސްކިތް ވަގުފު ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން ދާރުލް އިމާނު ކިޔާ ބިލްޑިންގް އެއް ހެދުމަށް ފަހު އެބިލްޑިންގުން ލިބޭ ފައިސާ އެފަންޑަށް ޖަމާކޮށްގެން ފަންޑު މުއްސަނދިކުރުމުގެ މަސައްކަތް ކުރަން. މިމޮޑެލް ބޭނުންކޮށްގެން އަޅުގަނޑުމެން ބޭނުންވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވެސް ހަމަ މިފުރުސަތު ހުޅުވާލަން،" މުނީޒާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މަސައްކަތްތައް ކުރާނީ އިސްލާމީ އިގުތިސާދީ އަދި މާލީ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކައުންސިލްތަކުން ވަގުފުގެ ގޮތުގައި ބިމެއް ރަޖިސްޓްރީ ކުރުމަށް ފަހު ޕްލޭނެއް ހުށަހެޅުމުން އެއީ ފީސިބްލް ޕްލޭނަކަށް ވެއްޖިއްޔާ މިނިސްޓްރީން ހަރަދުކޮށްދޭނެ ކަމަށް ވެސް މުނީޒާ ވިދާޅު ވިއެވެ.

އިސްލާމީ އައުގާފު ގާއިމްކުރަން އައްޑޫ ސިޓީ ކައުންސިލާއި ފުވައްމުލަކު އަތޮޅުކައުންސިލުން މިހާރު ވަނީ އިސްލާމީ ވަގުފު ގާއިމްކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފަ އެވެ.

އިސްލާމީ މަރުކަޒުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދެވެ. އަދި އެލްޖީއޭގެ ފަރާތުން ސޮއިކުރެއްވީ އެ އޮތޯރިޓީގެ ރައީސް އަދި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެވެ.