26 Mar 2014, 18:18
އާއްމުކޮށް ކޮންމެދުވަހަކު ވެސް އަހަރަމެންނަށް ކެފޭން ހުންނަ އެއްޗެއް ބޭނުންކޮށްލެވެ އެވެ. ކޮފީ އަދި ސައިފަތުގައި ކެފޭން ހުންނަކަން އެނގެއެވެ. ނަމަވެސް ބައެއް މީހުންނަށް ކޯކު، އެނަރޖީ ޑްރިންކް ތަކުގަ އާއި، ޗޮކުލެޓު އަދި އައިސްކްރީމް އަދި ބައެއް ޗުއިންގަމުގައި ވެސް ކެފޭން އެކުލެވޭ ކަމެއް ނޭނގެއެވެ. ކޮފީ ނުވަތަ ޗޮކުލެޓުގެ ރަހަލާ ގިނަ އެއްޗެހީގައި ކެފެއިން އެކުލެވެ އެވެ. އަދި ހާއްސަ ގޮތެއްގައި ޑައެޓުކުރުމަށް މީހުން ކައި އުޅޭ ގިނަ ބޭސްތަކުގަ އާއި ތަދު ކެނޑުވުމަށް ބޭނުންކުރާ ބޭސްތަކުގައި ވެސް ގިނަފަހަރު ކެފެއިން އެކުލެވެ އެވެ.
ކެފެއިނަކީ ސައިކޯ އެކްޓިވް ޑްރަގެކެވެ. މާނައަކީ ކެފެއިން ބޭނުން ކުރުމުން ސިކުންޑިއަށް ކުރާ އަސަރު ތަކަކުން މީހާއަށް ބަދަލުތަކެއް ގެނުވައިދެ އެވެ. އަހަރަމެން ނިދިއައުމުން ކޮފީބޮމެވެ. ނުވަތަ ރެޑް ބުލް އެއް ބޯލަމެވެ. އެއީ ކެފެއިނުން މިކުރާ އަސަރަށް ޓަކަ އެވެ. ނިދި ދުއްވާލާ ހަރަކާތްތެރި ވުމަށް ޓަކަ އެވެ. މިއީ އޭގެން ކުރާ އަސަރެއްކަން އެނގިތިބެ އެވެ. ނަމަވެސް މީގެ އިތުރުން ކެފެއިނުން ސިކުނޑިއަށް އެހެން އަސަރުތަކެއް ވެސް ކުރެ އެވެ. މީހާގެ ވިސްނުމަށާއި ފިކުރަށާއި ހަނދާނަށް ވެސް ކެފެއިނުން އަސަރު ކުރެއެވެ. އެތަކެއް އަހަރަކު މީގެ ދިރާސާތައް ކޮށްފައިވެ އެވެ.
މިއަހަރުގެ ފެބްރުއަރީ މަހު ނޭޗަރ ނިއުރޮސައިންސް ކިޔާ ޖަރނަލްގައި ޕަބްލިޝްކޮށްފައިވާ ދިރާސާއަކުން ކެފޭނުން މީހުންގެ ހަނދާނަށް ކުރުވާ އަސަރުތައް ދައްކައިދިނެވެ. މިއީ ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީ އާއި ޔުނިވަރސިޓީ އޮފް ކެލިފޯނިއާ ގުޅިގެން ކުރިއަށް ގެންދިޔަ ދިރާސާ އެކެވެ. ޓެސްޓު ކުރެވުނު ފަރާތް ތަކަށް ފުރަތަމަ ފޮޓޯތަކެއް ދެއްކުމަށް ފަހު ހަނދާނުގައި ބެހެއްޓުމަށް އެންގިއެވެ. ދެން މީގެ ތެރެއިން ބައެއް މީހުންނަށް ކެފޭން ހުރި އެއްޗެއް ދިނެވެ. 24 ގަޑިއިރަށް ފަހު ކުރިން ދެއްކި ފޮޓޯތަކުން އެމީހުންގެ ހަނދާނުގެ ޓެސްޓެއް ކުރިއެވެ. ކެފޭން ބޭނުން ނުކުރާ މީހުންނަށް ވުރެ ކެފޭން ބޭނުކުރި މީހުންގެ ހަނދާން ރަނގަޅުކަމަށް ނަތީޖާއިން ސާބިތުވި އެވެ.
100 މިލިގްރާމް ކެފޭނަށް ވުރެ 200 މިލިގްރާމް ކެފޭން ބޭނުންކުރުމުން ހަނދާނުގައި އެއްޗެހި ހަރުލާލެއް މާރަނގަޅުކަމުގައި މިޓެސްޓުން އެނގުނެވެ. އަދި ހަނދާން ރަނގަޅު ކުރުމަށް އެންމެ ރަނގަޅީ 200 މިލިގްރާމްގެ ކެފޭން ބޭނުން ކުރުން ކަމުގައި ވެސް އެމީހުން ބުނެ އެވެ. 300 މިލިގްރާމް ކެފޭނަށް ވުރެ އިތުރަކަށް ޓެސްޓުތަކުގައި ބޭނުމެއް ނުކުރެ އެވެ. އަދި އިތުރަށް މީގެ އަސަރުތައް ޑޯޒް އިތުރުކޮށްގެން އިތުރަށް ރަނގަޅުވާނެ އެކޭ ބުނެވޭކަށް ނެތެވެ. އަދި ކެފޭނުން ހަނދާނަށް މިކުރުވާ އަސަރުތައް ކުރަނީ ކީއްވެގެންކަން ޔަޤީނުން އެނގޭކަށް ނެތެވެ.
ނަމަވެސް ގިނަ ސައިންޓިސްޓުން ޤަބޫލުކުރާ ގޮތުގައި މިއީ ސިކުނޑީގެ ނާރުތަކަށް ސިކުނޑީގައި އުފެދޭ އެޑެނޮސީން ކިޔާ މާއްދާ އަކާއި ކެފޭނާއި ވައްތަރުވުމުން ދިމާވާ ކަމެކެވެ. ސިކުނޑީގައި ހުންނަ އެޑްނޮސީން ރިސެޕްޓަރު ތަކާއި އެޑެނޮސީން ގުޅެއެވެ. މިހެންވުމުން ނާރވް ސެލްތައް ލަސްވެއެވެ. ނިދި އަންނަން މެދުވެރިވެ އެވެ. އެހެން ނަމަވެސް ކެފޭން ބޭނުންކުރުމުން އެޑެނޮސީންގެ ބަދަލުގައި ކެފޭން އެޑެނޮސީން ރިސެޕްޓަރުތަކާ ގުޅެއެވެ. ނާރވް ސެލްތައް ލަސްވުމުގެ ބަދަލުގައި އަވަސްވެ އެވެ. އަދި އޭގެ ސިކުނޑީގެ ޕިޓުއިޓަރީ ގްލޭންޑަށް ކުއްލި ހާލަތެއް މެދުވެރިވެއްޖެ ކަމުގައި ހީވެއެވެ. އަދި އެޑްރެނަލިން އުފެއްދުމަށް ހޯމޯންސް ތަކެއް ދޫކޮށްލަ އެވެ. މިއީ އިތުރަށް މީހާ ހަރަކާތްތެރި ވުމުގެ ސަބަބު ކަމަށް ބެލެވެއެވެ. އެޑިނޮސިން ރިސެޕްޓަރު ތަކާއި ހަނދާނަށް ގެނައުމާއި ހަނދާން ގަދަކުރުކުމުގައި ގުޅުމެއް ވާކަމަށް ބެލެވެ އެވެ. އަދި އެޑިނޮސިނަކީ ހަނދާންވުން ދަށްކުރުވާ އެއްޗެއް ކަމުގައި ބައެއް ސައިންޓިސްޓިން ޤަބޫލުކުރެ އެވެ.
މީގެ އިތުރުން ކެފޭންގެ ސަބަބުން ސިކުންޑީގެ ނާރވްސެލްތައް ސަލާމަތްކޮށްދެ އެވެ. އަދި މުސްކުޅިންނާއި ނިދިން މަހުރޫމްވެފައިވާ މީހުންގެ ވެސް ހަނދާން ރަނގަޅުކޮށްދެ އެވެ. އަލްޒައިމާރޒް ބަލި ޖެހިފައިވާ މީދާތަކެއް ޓެސްޓު ކުރުމުން ވެސް ކެފޭނުން ހަނދާން ރަނގަޅުވާ ކަމަށް ފެނިފައިވެ އެވެ. އަދި އެތަކެއް ސައިންޓިސްޓުންނަށް ކުރިއަށް އޮތްތާގައި އަލްޒައިމާރޒް ބަލި ޖެހިފައިވާ މީހުންގެ ހަނދާން ރަނގަޅު ކުރެވޭނެ ކަމުގެ އުންމީދު ލިއްބައިދިނެވެ.
ކަންމިހެން ވީކަމުގައި ވިއަސް ކެފޭންގެ ނޭދެވޭ އަސަރުތަކަށް ހުޝިޔާރުވުން މުހިންމެވެ. ކެފޭނުން އެޑްރެނަލިން އުފެއްދުމުން މީހާ ހޭލައްވާ ހަރަކާތް އިތުރުކުރުމުން ވަކިހިސާބަކުން މީހާ މުޅިން ވަރުބަލިވެ ހާސްވެ އެވެ. އެހެންކަމުން ކޮފީވެސް ބޯންޖެހޭ މިންވަރު އޮޅުންފިލުވުން މުހިންމެވެ.