26 Mar 2014, 17:30
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުން މަޖިލިސް އިންތިހާބުގެ ފ. ނިލަންދޫ ދާއިރާއަށް ލާފައިވާ ވޯޓު ކަރުދާސްތައް އަލުން މިއަދު ޗެކް ކުރި އިރު އެ ދާއިރާއަށް ހޮވިފައިވާ ކަމަށް ވަގުތީ ނަތީޖާ އިން ދައްކާފައިވާ އަބްދުﷲ ހަލީލަށް ވޯޓެއް އިތުރުވެއްޖެ އެވެ.
އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުގައި ވާދަކުރެއްވި ހަލީލް އިންތިހާބު ކާމިޔާބުކުރީ މިހާރުވެސް އެ އެދާއިރާގެ މެންބަރު އަބްދުލް މުހްސިނާއި ވާދަކޮށް އެއް ވޯޓުގެ ތަފާތުންނެވެ. ނަމަވެސް ނަތީޖާއާއިމެދު ހުށަހެޅިފައިވާ މައްސަލަތަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ނިލަންދޫ ދާއިރާއަށް ވޯޓުލީ ހުރި ހުރިހާ ވޯޓުތަކެއް އަލުން ގުނަން ފަށާފަ އެވެ.
ފަސް ކެންޑިޑޭޓުން ވާދަކުރި ނިލަންދޫ ދާއިރާގެ ވޯޓު ކަރުދާސްތައް ބަންދުކޮށްފައިވާ ސެކިއުރިޓީ އުރަތައް ކެނޑިއިރު ހަލީލަށް ދިން ވޯޓެއް މުހްސިނަށް ދީފައިވާ ވޯޓެއްގެ ގޮތުގައި ގުނާފައިވާކަން ވަނީ ފާހަގަކުރެވިގެން އެކަން އިއުލާންކޮށްފަ އެވެ. އެހެން ކަމުން މިހާރު މިހާތަނަށް ލިބިފައިވާ ނަތީޖާ ދައްކާ ގޮތުން ނިލަންދޫ ދާއިރާ އަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވި އަބްދުލް މުހްސިން ހަމީދު ނާކާމިޔާބުވެފައި ވަނީ ދެ ވޯޓުގެ ތަފާތުންނެވެ. އޭނާ އަށް 643 ވޯޓު ލިބިވަޑައިގަތް އިރު އަމިއްލަ ގޮތުން ވާދަކުރެއްވި އަބްދުﷲ ޚަލީލަށް ލިބިވަޑައިގަތީ 646 ވޯޓެވެ.
ނިލަންދޫ ދާއިރާއަށް ވޯޓުލާފައިވާ 50 ވޯޓު ފޮއްޓެއް ގުނުމުގެ މަސައްކަތް މިއަދު ނޭޝަނަލް ޔުނިވަސިޓީގެ ފެކަލްޓީ ހެލްތް އެންޑް ސައިން ހިންގާ އިމާރާތުގައި ފަށާފައިވާއިރު ހަވީރުވުމާއި ހަމައަށް 44 ފޮއްޓެއްވަނީ ގުނާފަ އެވެ. އަދި ހަ ވޯޓު ފޮއްޓެއް މާލެ އަދި އައިސްފައިނުވާތީ ވަނީ ގުނުން މެދުކަނޑާލާފަ އެވެ. އަދި މިރޭ އެ ހަ ވޯޓު ފޮށިމާލެ ގެނައުމުން ގުނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
މިއަދު ސަން އާ ވާހަކަ ދައްކަމުން ވާހަކަ ދައްކަމުން މުހްސިން ވިދާޅުވީ ނަތީޖާ އަދި ގަބޫލު ނުކުރައްވާ ކަމަށާއި ކޯޓަށް ވަޑައިގަތުމާއިމެދު ވިސްނަވާނެ ކަމަށެވެ.
މިއަދު ވޯޓު ގުނަމުންދިޔައިރު އެ ހޯލްތެރޭގައި މުހްސިންއާއި ހަލީލްގެ ސަޕޯޓަރުންގެ މެދުގައި ހިތްހަމަ ނުޖެހުންތައް އުފެދި ހަމަ ނުޖެހުންތައް ހިނގާފައިވެ އެވެ.