އައިލެންޑް ޑިވެލޮޕްމަންޓް އެންޑް އެންވަޔަރަންމެންޓަލް އެވެއާނެސް ސޮސައިޓީ (އައިޑިއާސް) އިން އިންތިޒާމު ކޮށްގެން ބާއްވާ ފުޓްސަލް މުބާރާތް "އައިޑިއާސް ކަޕް 2014"ގައި ބައިވެރިވުމުގެ ސުންގަޑި ކައިރިވަމުންދާ އިރު، އެ މުބާރާތަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އައިޑިއާސް އިން ބުނެފި އެވެ.

ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކާއި، ކްލަބު ޖަމިއްޔާ ޖަމާއަތްތަކުގެ މެދުގައި ކުޅެވޭ މި މުބާރާތުގައި ބައިވެރިވުމުގެ ސުން ގަޑިއަކީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ރޭގަނޑު 12:00 އެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އެ ޖަމިއްޔާގެވެބްސައިޓުއިން ޑައުލޯޑް ކުރެވެން ހުންނާނެ ކަމަށް އެ ޖަމްއިއްޔާ އިން ބުނެ އެވެ. ސަން އަށް މައުލޫމާތު ދެއްވަމުން އައިޑިއާސްގެ ރައީސް އިބްރާހިމް ޝިއާއު ވިދާޅުވީ، ބައިވެރިވުމަށް ގިނަ ފަރާތްތަކުގެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.

"މި މުބާރާތުގައި ބައިވެރިވުމަށް ފޯމް ހުށަހެޅުމުގެ އެންމެ ފަހު ގަޑިއަކީ އަންނަ އޭޕްރީލް މަހު 10 ވަނަ ދުވަހުގެ ރޭގަނޑު 12 ޖަހާއިރު. ފީއެއްގެ ގޮތުގައި 3500ރ. ދައްކަން ޖެހޭނެ. އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން 9998640 / 7940397 / 9982433 / 9990023 އަށް ގުޅުމުން އެ މައުލޫމާތުތައް ލިބޭނެ. މިހާރު ވެސް ގިނަ ބައެއްގެ ފަރާތުން ރަނގަޅު ތަރުހީބެއް ލިބެމުން އެބަދޭ. މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހަފްތާ ބަންދު ދުވަސް ތަކުގައި." ޝިއާއު ވިދާޅުވި އެވެ.

ރީފްސައިޑްގެ އެހީތެރިކަމާއެކު ބާއްވާ މި މުބާރާތް ކުރިއަށްދާނީ އަންނަ މެއި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން ޖޫން ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ. މިދިޔަ އަހަރުގެ އައިޑިއާސް މުބާރާތުގެ ވެސް މެއިން ސްޕޮންސަރަކީ ރީފްސައިޑެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި 16 ޓީމު ބައިވެރިވެފައިވާ އިރު، މުބާރާތުގެ ޗެމްޕިއަންކަން ހޯދީ، ދިއްދޫ ލަވް ލަވް ސްޕޯޓްސް ކްލަބެވެ. އަދި އެ މުބާރާތުގެ ރަނަރަޕްކަން ހޯދީ ކްލަބު ވަސްމީރު ކެލާ އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ އިނާމެއް ލިބޭއިރު، ރަނަރަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭގޮތަށް ހަމަޖެހިފައިވާ، މުބާރާތުގެ ފެއާ ޕްލޭ ޓީމާއި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން ހޮވުމަށް ވެސް ހަމަޖެހިފައި ވެއެވެ.

އައިޑިއާސް އިން މި މުބާރާތް ބާއްވާ އެންމެ ބޮޑު މަގަސަދަކީ އެ ޖަމްއިއްޔާއިން ހިންގާ އިޖްތިމާއި ހަރަކާތްތައް ކަމަށްވާ ތިމާވެށި ހިމާޔަތް ކުރުމުގެ ހަރަކާތްތަކާއި އަދި އެކަމަށް އާންމުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމުތަކާއި، ޒުވާނުންނަށް ހާއްސަކޮށްގެން ފަންނީ އެކިއެކި ކޯސްތައް ހިންގުމާއި، ޒުވާނުން އަދި ހާއްސަކޮށް އަންހެނުން ބާރުވެރި ކުރުމަށް ހޭލުންތެރިކަމުގެ ވޯކްޝޮޕްތައް ހިންގުމާއި، ކުޅިވަރާއި ސަގާފަތް ދިރުވައި އާލާ ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ކަމަށް އެ ޖަމްއިއްޔާއިން ބުންޏެވެ.