އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ އިންވެސްޓަރުންގެ ކޮންފަރެންސް މަލްޓިލެޓެރަލް ޑިވަލޮޕްމަންޓް ބޭންކްތަކާއި އެންވަޔަރަންމެންޓް މިނިސްޓްރީ އާއި ގުޅިގެން މިއަދު ފަށައިފި އެވެ.

އެންވަޔަރަންމެންޓް މިނިސްޓްރީ އިން ބުނީ އެ ކޮންފަރެންސް ގެ އަމާޒަކީ އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން އިންވެސްޓް ކުރުމަށް ރާއްޖޭގައި ހުރި ފުރުސަތުތަށް އިންވެސްޓަރުންނަށް އަންގައި ދިނުމާއި އެކަންކަމާމެދު މަޝްވަރާކޮށް އެފަދަ ފުރުސަތުތަކަށް މަގުފަހި ކުރުވުން ކަމުގައެވެ.

އޭގެ އިތުރުން އެ ކޮންފަރެންސްގައި އެސްޕަޔާ މަޝްރޫގެ ދަށުން މާލެއާއި ހުޅުމާލޭގައި ގާއިމްކުރާ ސޯލާ ފޮޓޯވޮލްޓައިކް މަޝްރޫއުތަކާއި، އިންވެސްޓަރުންނަށް ބޭނުންވާނެ ގެރެންޓީތަކުގެ އިތުރުން ސަބްސިޑީތަށް ފަރުމާކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރާނެކަމަށްވެސް އެ މިނިސްޓްރީއިން ބުންޏެވެ.

އެފަދަ ފުރުސަތު ތަކުގެ ސަބަބުން ޕްރައިވެޓް ސެކްޓަރ މެދުވެރިކޮށް ހަލުވިކަމާއެކު ރާއްޖޭގައި ޢިޔާދަކުރަނިވި ހަކަތައިގެ މަޝްރޫތަށް ދެމެހެއްޓެނިވި ގޮތެއްގައި ހިންގިގެން ދާނެ ކަމަށާއި އެސްޕަޔާގެ ސަބަބުން ރާއްޖޭގައި ކަރަންޓް އުފެއްދުމަށް ތެލަށް ކުރާ ހަރަދު ކުޑަކުރުމަށް މަގުފަހިވެގެން ދާނެކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީއިން ބުންޏެވެ.

ބަނޑޮސް އައިލެންޑް ރިސޯޓްގައި އެއް ދުވަހުގެ މުއްދަތައް ކުރިޔަށްގެންދާ އެ ކޮންފަރެންސްގައި ބޭރުގެ އިންވެސްޓަރުންނާއި ރާއްޖޭގެ ކުންފުނިތަކާއި ސަރުކާރުގެ އެކި މުއައްސަސާ ތަކުގެ އިތުރުން ވޯލްޑް ބޭންކް އަދި ބޭރުގެ ކޮންސަލްޓެންޓެއް ކަމަށްވާ މަކަޑޯސް (އީއެމްއައި) އަދި ބައިނަލްއަގުވާމީ ފިނޭންސް ކޯޕަރޭޝަން އިން ވަނީ ބައިވެރި ވެފައެވެ.