23 Dec 2010, 04:29
އިންޑިޔާގައި ކާބޯތަކެތީގެ އަގުތައް އުފުލި ކޮރަޕްޝަނުގެ ޢަމަލުތައް އިތުރުވަމުންދާތީ އިދިކޮޅުފަރާތްތަކުން ނިއުދިއްލީގައި މުޒާހަރާކޮށް އިޙްތިޖާޖް ކޮށްފި އެވެ. އިންޑިޔާގެ އެންމެބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ ބަހަރްތިޔާ ޖަނަތާ ޕާޓީ އިސްކޮށް އޮވެގެން ސަރުކާރާ ދެކޮޅަށް އިންތިޒާމްކުރި މިމުޒާހަރާގައި ވިއްސަކަށްހާސް މީހުން ބައިވެރިވި އެވެ. މުޒާހަރާކުރީ ދިއްލީގެ މެދުތެރޭގައި ކަމަށާއި މުޒާހަރާކުރި މީހުން އަޑުއުފުލަމުން ދިޔައީ ކާބޯތަކެތީގެ އަގުތައް އުފުލި އިންޑިޔާގައި އިތުރުވަމުންދާ ކޮރަޕްޝަނުގެ ޢަމަލުތަކާ ދެކޮޅަށް ކަމަށް ޚަބަރުތައްބުނެ އެވެ. ދެހާސް ހަތްވަނަ އަހަރާއި ދެހާސް އަށްވަނަ އަހަރު އިންޑިޔާ ސަރުކާރުގެ ބައެއް އިސްފަރާތްތަކުގެ މެދުގައި ހިނގާދިޔަކަމަށް ތުހުމަތު ކުރެވިފައިވާ ފުޅާދާއިރާގެ ކޮރަޕްޝަންގެ ޢަމަލުތަކާބެހޭ ތަޙްޤީޤެއް އިންޑިޔާގެ ބަރުލަމާން ލޮކްސަބާގައި ކުރިޔަށް ގެންދިޔުމަށް ލޮކްސަބާގެ އަޣްލަބިއްޔަތު ލިބިފައިވާ ކޮންގްރެސް ޕާޓީއާއި އެޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން ދެކޮޅު ހަދާކަމަށް އިދިކޮޅު ބީ.ޖޭ.ޕީ ން ބުނެ އެވެ. އިންޑިޔާގައި ފިޔާގެ އަގު ދެގުނައަށް މައްޗަށް ގޮސް އާންމު ކެއުމުގައި ބޭނުންކުރާ އެހެން ބައެއް ބާވަތްތަކުގެ އަގުތައްވެސް މިދުވަސްވަރު އާދަޔާ ޚިލާފަށްވަނީ މައްޗަށް ގޮސްފަ އެވެ. މިކަމާގުޅިގެން ގިނަބަޔަކަށް ދަތިތައް ފޯރަމުންދާ ކަމަށާއި މިކަމުގެ ސަބަބުން ހަމަނުޖެހުންތަކާއި ސިޔާސީ ގަޑުބަޑުތަކަށް މަގުފަހި ވެދާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.