ރާއްޖޭގެ މަސްވެރިކަން އިތުރަށް ޕްރޮމޯޓް ކުރުމަށް ޓަކައި މިމަހުގެ 14 އިން 18 ގެ ނިޔަލަށް އެމެރިކާގެ ބޮސްޓަންގައި ކުރިޔަށްގެން ދިޔަ "ބޮސްޓަން ފެއާ" އިން ރާއްޖެ އަށް ވަރަށްބޮޑު ތަރުހީބެއް ލިބުނު ކަމަށާއި އެމެރިކާގައި ވެސް ރާއްޖޭގެ މަހުގެ މާކެޓް އެބައޮތް ކަމަށް ފިޝަރީޒު މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ބޮސްޓަން ފެއާ ނިންމަވާލެއްވުމަށް ފަހު އެ ފެއާގެ މައުލޫމާތު މީޑިއާ އަށް ހިއްސާ ކުރެއްވުމަށް ފިޝަރީޒް ޕްރޮމޯޝަން ބޯޑުގެ މެންބަރުންނާ އެކު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

މިނިސްޓަރު ވިދާޅުވީ އެމެރިކާގައި އޮތް ފެއާގައި ބޭރުގެ އެކި މިނިސްޓަރުންނާ ބައްދަލުވެ ދެކެވުނު ވާހަކަތަކުން ރާއްޖޭގެ މަސްވެރިކަމަށް ވެސް ވަރަށް ބޮޑު ތަރުހީބެއް އެބައޮތްކަން އެނގިގެން ދިޔަ ކަމަށެވެ. ނަމަވެސް އެމެރިކާގައި މާކެޓަށް ރާއްޖެ އިން ފޯރުކޮށްދޭން ޖެހޭ ބާވަތަކީ ރާއްޖޭގައި އަދި ނުއުފައްދާ ބާވަތަކަށް ވުމުން އެބާވަތް ރާއްޖޭގައި އުފެއްދުމުގެ މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެމެރިކާގައި އަޅުގަނޑުމެންގެ މާކެޓް އެބައޮތް. ނަމަވެސް އެމެރިކާގެ މާކެޓަށް ފޯރުކޮށްދޭން ޖެހެނީ އަދި ރާއްޖޭގައި ނުއުފައްދާ ޓްރީޓްމަންޓެއް. އެއީ ސީއޯ ޓްރީޓްކޮށްގެން މަހުގެ ކުލަ ބަދަލުކޮށްލާ ޓްރީޓްމަންޓެއް. އެހެންކަމުން ޕްރޮމޯޝަން ބޯޑުން އެބަ މަސައްކަތް ކުރަން އެމެރިކާގެ މާކެޓް ވެސް ކެޓާ ކުރެވޭގޮތަށް ތައްޔާރުކޮށްގެން ރާއްޖެ އިން މަސް ބޭރުކުރަން." މިނިސްޓަރު ވިދާޅުވި އެވެ.

އެ ފެއާގައި ރާއްޖޭގައި މަހުގެ މަސައްކަތް ކުރާ ހަތް ކުންފުންޏަކުން ބައިވެރިވެފައިވާ އިރު މިނިސްޓަރު ވިދާޅުވީ މިއަންނަ މަހު ދުބާއީގައި އޮންނަ ފެއާ އަކާއި އެހެން އިތުރު ފެއާ ތަކެއްގައި ވެސް ރާއްޖޭގެ ތަފާތު ކުންފުނިތަކުން ބައިވެރިވާނެ ކަމަށެވެ.