26 Mar 2014, 13:37
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނެރޭ 2500 އަށް ވުރެ ގިނަ ނޫސްމަޖައްލާ ޓްރޭޑާސް ހޮޓަލުގައި ތިބޭ މީހުންނަށް ފަސޭހައިން ކިޔައިލެވޭނެ އިންތިޒާމު އެހޮޓަލުން ހަމަޖައްސައިފި އެވެ.
ޓްރޭޑާސް ހޮޓަލުން އިއްޔެ ބުނީ ނޫސްމަޖައްލާ ކިއުމަށް ބޭނުންކުރާ ޒަމާނީ ވަސީލަތެއް ކަމަށްވާ "ޕްރެސްރީޑަރް"ގެ ހިދުމަތް އެހޮޓަލުން ތައާރަފްކޮށްފައިވާ ކަމަށެވެ. އެހިދުމަތު އެހީގައި ދުނިޔޭގެ 100 އަށް ވުރެ ގިނަ ގައުމުތަކުގައި 60 އަށް ވުރެ ގިނަ ބަހުން ނެރޭ 2500 އަށް ވުރެ ގިނަ ނޫސް މަޖައްލާ ކިޔައި، ޑައުންލޯޑް ކުރެވޭނެ ކަމަށް ވެސް ބުންޏެވެ.
ޓްރޭޑާސް ހޮޓަލުގެ ޖެނެރަލް މެނޭޖަރު ވަތަސަލާ ސުބްރަމާނިއަމް ވިދާޅުވީ އެހޮޓަލުން ގަބޫލުކުރަނީ މެހުމާނުން ބޭނުންވާ ކަންތައްތައް ފަސޭހައިން އަވަހަށް ވާނެ ގޮތް ހޯދުމަކީ އެހޮޓަލުން ވަރަށް ބޮޑަށް ގަބޫލުކުރާ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންގެ މެހުމާނުން ބޭނުންވާ ކަންތައްތައް އެންމެ ފަސޭހަ އަދި އެންމެ އަވަސް ގޮތްތައް ލިބިދިނުމަކީ އަޅުގަނޑުމެން ވަރުގަދައަށް ގަބޫލުކުރާ ކަމެއް. ޕްރެސްރީޑާ ކުރާ ކަމަކީ އެއީ. އަދި އެއީ ތިމާވެށްޓާ ރަހުމަތްތެރި ގޮތަކަށް މަސައްކަތް ކުރުމަށް އަޅުގަނޑުމެންދޭ އަހައްމިޔަތުކަމަށް އެހީތެރިވެދޭ ވަސީލަތެއް،" އޭނާ ވިދާޅުވި އެވެ.
ޓްރޭޑާސް ހޮޓާ ހިންގަމުން އަންނަ ޝަންގްރިލާ ހޮޓެލްސް އެންޑް ރިޒޯޓްސް ކުންފުންޏަކީ ވިޔަފާރިއާއި ހިތްހަމަޖެއްސުމުގެ ދަތުރުތައް ކުރާ މީހުންނަށް ފުޅާދާއިރާއެއްގައި ހިދުމަތްދޭ ކުންފުންޏެކެވެ. އެކުންފުނީގެ ހޮޓާތައް ހޮންކޮންއާއި ސިންގަޕޫރާއި ކުއާލަލަމްޕޫރާއި ދުބާއީއާއި ބްރިސްބާންގައި ހުރެއެވެ.