އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ސިޓީ ވާދަވަރިން ކަމަށްވާ މެންޗެސްޓާ ސިޓީ ލީގުގައި ހަމަޖެހިލައިފި އެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފަޑްގައި ރޭ ކުޅުނު "މެންޗެސްޓާ ޑާބީ"ގައި ޔުނައިޓެޑްގެ މައްޗަށް ސިޓީ ކުރި ހޯދީ 3-0 ލަނޑުންނެވެ. މެންޗެސްޓާ ސިޓީގެ ފަރާތުން ފުރަތަމަ ހާފު އަދި ދެވަނަ ހާފުގައި ވެސް ވަރަށް ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ އެވެ.

މެޗުގެ ފުރަތަމަ ލަނޑު 43 ވަނަ ސިކުންތުގައި ސިޓީ އަށް ކާމިޔާބު ކޮށްދިނީ ބޮސްނިއާ ފޯވަޑް އެޑިން ޖެކޯ އެވެ. މިއީ "މެންޗެސްޓާ ޑާބީ" އެއްގައި އެންމެ އަވަހަށް ކާމިޔާބުކުރި ލަނޑެވެ. މެޗުގެ ދެވަނަ ލަނޑު 56 ވަނަ މިނެޓްގައި ސިޓީ އަށް ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކޮށްދިން ޖެކޯ އެވެ. އަދި މެޗުގެ އެންމެ ފަހު މިނެޓްގައި ސިޓީގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިނީ އައިވަރީ ކޯސްޓް މިޑްފީލްޑަރު ޔާޔާ ޓޫރޭ އެވެ.

މި ނަތީޖާއާ އެކު ލިބުނު ތިން ޕޮއިންޓާ އެކު ސިޓީ ވަނީ އެއްވަނައިގައި އޮތް ޗެލްސީއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަ ކޮށްފަ އެވެ. ޗެލްސީ ވަނީ ސިޓީ އަށް ވުރެ ދެ މެޗު އިތުރަށް ކުޅެފަ އެވެ. ސިޓީ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެ ތިންވަނައިގައި އޮތީ ސިޓީގެ ފަހަތުން ވިއްދައިފަ އެވެ.

ފަހު ވަގުތު އާސެނަލްގެ ފްރާންސް މިޑްފީލްޑަރު މެތިއު ފްލެމިނީ އަތުން ވަތް ލަނޑާ އެކު ސްވަންސީ އަތުން އެޓީމަށް ލިބުނީ އެންމެ ޕޮއިންޓެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ 11 ވަނަ މިނުޓުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ސްވަންސީ އެވެ. ސްވަންސީ އަށް މި ލަނޑު ކާމިޔާބު ކޮށްދިނީ ވްލްފްރިއެޑް ބޮނީ އެވެ.

މެޗުގެ 73 ވަނަ މިނެޓްގައި އާސެނަލް އަށް ޖަރުމަން ފޯވަޑް ލޫކަސް ޕޮޑޮލްސްކީ ނަތީޖާ ހަމަހަމަކޮށްދިން އިރު، އޭގެ މިނެޓެއް ފަހުން އެޓީމަށް ލީޑު ނަގައިދިނީ ފްރާންސް ފޯވަޑް އޮލިވާ ޖިރޯޑް އެވެ. މެޗުގެ އެންމެ ފަހު މިނެޓުގައި ފްލެމިނީ އަތުން ބައިކޮޅަށް ވަތް ލަނޑާއެކު މެޗު ނިމިގެން ދިޔައީ 2-2 ލަނޑުން އެއްވަރު ވެގެންނެވެ.

ނިއުކާސަލް އަތުން ރޭ އެވަޓަން މޮޅުވީ 3-0 ލަނޑުންނެވެ. ނިއުކާސަލްގެ ސެއިންޓް ޖޭމްސް ޕާކުގައި ކުޅުނު މެޗުގެ 22 ވަނަ މިނެޓްގައި އެވަޓަން އަށް ލީޑު ނަގައިދިނީ އިނގިރޭސި މިޑްފީލްޑަރު ރޮސް ބާކްލޭ އެވެ. އެވަޓަންގެ ދެވަނަ ލަނޑު މެޗުގެ 52 ވަނަ މިނެޓްގައި ބެލްޖިއަމް ފޯވަޑް ކާމިޔާބުކުރި އިރު، ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިނީ އިނގިރޭސި މިޑްފީލްޑަރު ލިއޯން އޮސްމާން އެވެ.