26 Mar 2014, 13:00
ޖަރުމަން ބުންޑަސްލީގާގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ބަޔާން މިއުނިކުން ލީގު ކަށަވަރުކޮށްފި އެވެ. ބަޔާން އިން ބުންޑަސްލީގާ ކަށަވަރުކުރީ ލީގުގައި ބާކީ ހަތް މެޗު އޮއްވަ އެވެ.
ބަޔާން އަށް ލީގު ކަށަވަރުވެގެން ދިޔައީ ހާތާ ބާލިންއާ ދެކޮޅަށް ރޭ ކުޅުނު މެޗުން 3-1 ލަނޑުން މޮޅުވި މެޗަށް ފަހު އެވެ. މެޗުގައި ބަޔާންގެ ފަރާތުން ފެނުނީ އާންމުކޮށް ފެންނަމުންދާ މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު ތަނެވެ.
މެޗުގެ ފުރަތަމަ ލަނޑު ހަ ވަނަ މިނެޓްގައި ޖަރުމަން މިޑްފީލްޑަރު ޓޯނީ ކްރޫސް ބަޔާން އަށް ކާމިޔާބު ކޮށްދިން އިރު، އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 14 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މާރިއޯ ގޮޓްޒޭ އެވެ. މެޗުގެ 66 ވަނަ މިނެޓްގައި ހާތާ އަށް ލިބުނު ޕެނަލްޓީ އަކުން އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ އެޑްރިއާން ރަމޯސް އެވެ. ބަޔާންގެ ފަހު ލަނޑު މެޗުގެ 79 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ފްރާންސް މިޑްފީލްޑަރު ފްރޭންކް ރިބެރީ އެވެ.
ޖަރުމަން ބުންޑަސްލީގާގެ އެއް ވަނައިގައި އޮތް ބަޔާން ކުޅުނު 27 މެޗުގެ ތެރެއިން 25 މެޗުން މޮޅުވި އިރު، ދެ މެޗު ނިމިގެން ދިޔައީ އެއްވަރު ވެގެންނެވެ.
ޖަރުމަން ލީގުގެ ދެވަނައިގައި އޮތް ބޮރޫސިއާ ޑޯޓްމުންޑާއި ތިން ވަނައިގައި އޮތް ޝާލްކޭ ބައްދަލުކުރި މެޗު ނިމިގެން ދިޔައީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ޑޯޓްމުންޑްގެ ސިގްނަލް އިޑޫނާ ޕާކްގައި ކުޅުނު މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަގާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެ އެވެ.