26 Mar 2014, 12:23
ހިތަދޫން: މުހައްމަދު ސިމާއު
އިސްލާމީ އުސޫލުތަކުގެ މަތިން ވިޔަފާރިކުރާ ކުންފުނިތަކަށް ދިރާސާކުރާނެ ސެންޓަރެއް ރާއްޖޭގައި ގާއިމްކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އައްޑޫ ސިޓީގެ ހިތަދޫގައި ގާއިމްކުރި އެ ބޭންކުގެ ފުރަތަމަ އަތޮޅު ގޮފި ހުޅުވުމަށް އިއްޔެ އައްޑޫ ސިޓީ ގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އިސްލާމީ އުސޫލުތަކުގެ މަތިން ބައެއް ކުންފުނިތަކުން ވިޔަފާރިތައް ކުރިއަރަމުން އަންނަ ކަމަށެވެ.
އެގޮތުން ރާއްޖޭގެ އިސްލާމީ އިގްތިސާދު ފުޅާ ވަމުންދާ ކަމަށާއި އިސްލާމީ އިގްތިސާދް އިތުރަށް ތަރައްގީ ކުރުމަށްޓަކައި އެފަދަ ކުންފުނިތަކަށް ދިރާސާތައް ކުރެވޭނެ ސެންޓަރެއް ގާއިމް ކޮށްދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަމިއްލަ ކުންފުނިތަކުން އިސްލާމީ އުސޫލުގެ ދަށުން ވަރަށް ގިނަ ވިޔަފާރި ކުރިއަށް އެބަ ގެންދަވާ. އެ ހުރިހާ އިސްލާމީ އުސޫލުތަކުގެ ދަށުން ހިންގާ މުއައްސަސާތަކަށް އެކި ގޮތްގޮތުން ރިސާޗް ކުރުމަށް އިސްލާމީ އިގްތިސާދީ ސެންޓަރެއް އެބަ ހުންނަންޖެހޭ. މިސަރަހައްދުގެ އިސްލާމީ އިގްތިސާދުގެ މުހިއްމު ހަބަކަށް ރާއްޖެ ވުމަށްޓަކައި މި ރިސާޗްތައް ކުރާނެ ސެންޓަރެއް ގާއިމްކުރާނަން. އެކަމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށައިގަންނާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
އަމާންކަމާއި ތަރައްގީ އަކީ ދުނިޔޭގައި ހަމަޖެހުމާއި ފާގަތިކަން ގާއިމްކުރުމަށް މުހިއްމު ދެ އަސާސް ކަމަށް ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ، އިސްލާމީ ބޭންކިންގެ ނިޒާމް ކުރިއަށް އޮތް ޖީލުތަކާ ހަމައަށް ތަރައްގީކޮށް ދެމެހެއްޓުމަކީ މިހާރުގެ ޖީލުގެ ބޮލުގައި އެޅިފައިއޮތް ޒިންމާއެއް ކަމަށާއި އެކަން ކާމިޔާބު ކުރުމަށްޓަކައި ރާއްޖޭގައި އަމަންއަމާންކަން ގާއިމް ކުރަންޖެހޭ ކަމަށެވެ.
"ގަބޫލުކުރަން ޖެހޭ ހަގީގަތަކަކީ އަމަންއަމާން ކަމާއި އިގްތިސާދީ ތަރައްގީ އަކީ އެކަތި އަނެކައްޗާއި ގުޅިލާ މެހިފައިވާ އެއްޗެކޭ އެއީ. މިއަދު ދުނިޔޭގެ ފަނާވެގެން ހަލާކުވެގެންދާ ދައުލަތްތައް ފަނާވެގެންއެދިޔައީ، އަމާންކަން ނެތުމުގެ ސަބަބުން. އިގްތިސާދެއް ނެތިއްޔާ އަމާންކަމެއް ވެސް ނޯންނާނެ. ރާއްޖެ ކުރިއެރުވުމަށްޓަކައި އަމާންކަން ދަމަހައްޓަންޖެހޭ. އިގްތިސާދް ދަމަހައްޓަންޖެހޭ. އެގޮތުން އެންމެ އިތުބާރުވެރި އިގްތިސާދީ ނިޒާމަކީ އިސްލާމީ އިގްތިސާދީ ނިޒާމް،" ޝަހީމް ވިދާޅުވި އެވެ.
އިސްލާމީ މާލީ ނިޒާމުގެ ތެރެއިން އަންނަ ތަރައްގީގެ ވަރަށް ބޮޑު ހިއްސާދާރަކަށް އައްޑޫ ސިޓީ ވެގެންދާނެ ކަމަށާއި އެގޮތުން ސަރުކާރުގެ ހައްޖު ކޯޕަރޭޝަންގެ ގޮއްޕެއް ގާއިމްކޮށް، ރަށުގައި ތިބެގެން ހައްޖަށް ފައިސާ ދެއްކޭނެ ގޮތްތަކާއި އެ ކޯޕަރޭޝަނުން ހައްޖަށް ދިއުމަށް ފަށާފައިވާ ޕެކޭޖްތަކަށް ވެސް ފައިސާ ދެއްކޭނެ ގޮތް ހަދައިދޭނެ ކަމަށް އިއްޔެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި އެވެ.