މިދިޔަ ހޮނިހިރު ދުވަހު ބޭއްވި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވައި ނުހޮވުނު މިހާރުގެ މަޖިލީހުގެ މެންބަރުން ތިބެގެން ބިލު ފާސް ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް އެ އަހުމަދު (ސީނާ) ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

ސަން އޮންލައިން އަށް ދެއްވި އިންޓަވިއުއްގައި ޒާހިރު މިއަދު ވިދާޅުވީ ގާނޫނީ ގޮތުން ހުރަހެއް ނެތް ނަމަވެސް އިންތިހާބުގައި ވާދަކޮށް އިންތިހާބުނުވި މެންބަރުންގެ ވޯޓާ އެކު ބިލްތައް ފާސް ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.

"ރައްޔިތުން ނޫނެކޭ ބުނެފައި ތިބި އޮނަވިއްސަކަށް މެންބަރުންގެ ވޯޓާއަކީ މިހާރު ބިލްތައް ފާސް ކުރަނީ. ރަނގަޅު ވާހަކައެއް، ގާނޫނީ ގޮތުން މައްސަލައެއް ނެތް. އެކަމަކު ހަމަ ބުއްދިއަށް ވިސްނާލާއިރު އެކަން ހަމައެއްނުޖެހޭ،" ޒާހިރު ވިދާޅުވި އެވެ.

ޒާހިރު ވިދާޅުވީ އާ މަޖިލިސް އިންތިހާބުވެ އެ މަޖިލިހުގެ ދައުރު ފެށުމާ ހަމައަށް ކުރީގެ މަޖިލިހުގެ މަސައްކަތް ނުކުރެވޭނެ އިންތިޒާމެއް ހަމަޖައްސަންޖެހޭ ކަމަށެވެ.

"އެބަޖެހޭ ގާނޫނު އަސާސީ އަށް އިސްލާހެއް ގެންނަން. އާ މަޖިލިސް ހުވައިކޮށް މަސައްކަތް ފަށަންދެން ދެމިއޮތް މަޖިލީހުގެ މަސައްކަތް އެމަޖެންސީ ހާލަތެއްގައި ނޫނީ ނުކުރެވޭ ގޮތަށް،" ޒާހިރު ވިދާޅުވި އެވެ.

ސަންގެ ހިސާބުތަކުން ދައްކާ ގޮތުގައި އިންތިހާބުގައި ވާދަކޮށް ނުހޮވުނު އަދި މިފަހަރުގެ އިންތިހާބަށް ކުރިމަތިނުލެއްވި މެންބަރުންނާ އެކު އާ މަޖިލީހުގައި ނުހިމެނޭ 39 ވަރަކަށް މެންބަރުން މިހާރުގެ މަޖިލީހުގައި އެބަ ތިއްބެވެ.