23 Dec 2010, 04:16
އައިވަރީކޯސްޓްގެ މައްސަލަ ބޮޑު ރިޔާސީ އިންތިޚާބަށްފަހު އެޤައުމުގައި އަހްލީ ހަނގުރާމައެއް އަލުން ފެށިދާނެ ކަމުގެ އިންޒާރު އދ. ގެ ސެކެޓްރީ ޖެނެރަލް ބަންކީމޫން ދެއްވައިފި އެވެ. އޭނާ ވިދާޅުވީ އިންތިޚާބުގައި ނާކާމިޔާބުވެ ވަޑައިގެންނެވި ލޮރަން ބަގްބޯ ގެންދަވަނީ އެޤައުމުގައިތިބި އދ. ގެ ޞުލްޙަބަލަހައްޓާ ސިފައިން ބޭރުކުރުމަށް މަސައްކަތް ކުރަމުން ކަމަށާއި މިއީ އދ. ން ދެކޮޅު ހަދާކަމެއް ކަމުގަ އެވެ. އދ. ން މިކަމާ ދެކޮޅު ހަދަނީ ވަރަށް ގިނަ ސަބަބުތަކަކާގުޅިގެން ކަމަށްވެސް ބާންކީ މޫން ވިދާޅުވި އެވެ.
އައިވަރީ ކޯސްޓްގެ ރިޔާސީ އިންތިޚާބަށްފަހު އެޤައުމުގައި މިހާރު ދެ ރައީސުން އެބަތިއްބެވި އެވެ. އެއީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި އިދިކޮޅު ލީޑަރ އަލަސާން ވަތަރާއާއި ރައީސްކަމުގެ މުއްދަތު ހަމަވެފައިވާ ނަމަވެސް ރައީސް ކަމުން ދުރުވެ ވަޑައިގަތުމަށް ދެކޮޅުހައްދަވާ ލޮރަން ބަގްބޯ އެވެ. މިދެބޭފުޅުންވެސްވަނީ ރައީސް ކަމުގެ ހުވާ ކުރައްވާފަ އެވެ. ނަމަވެސް ސިފައިންގެ މުއައްސަސާއާއި ދައުލަތާއި ސަރުކާރުގެ ގިނަ އިދާރާތައްވަނީ ބަގްބޯގެ ކޮންޓްރޯލްގެ ދަށުގަ އެވެ.
އައިވަރީ ކޯސްޓްގެ ރިޔާސީ އިންތިޚާބުގެ ނަތީޖާއާމެދު އެޤައުމުގެ ދެމުއައްސާއަކުން ދެގޮތަށްބުނެފައިވެ އެވެ. އިދިކޮޅު ލީޑަރު އަލަސާން ވަތަރާއަށް ލިބުނު ވޯޓުން އެއްމިލިޔަން ވޯޓު މަދުކުރުމަށްފަހު އައިވަރީ ކޯސްޓްގެ ދަސްތޫރީ ކައުންސިލުންބުނީ އިންތިޚާބު ކާމިޔާބު ކުރެއްވީ ރައީސް ލޮރެން ބަގްބޯ ކަމުގަ އެވެ. ނަމަވެސް އިންތިޚާބާބެހޭ ކޮމިޓީންބުނީ މިއިންތިޚާބު ކާމިޔާބުކުރެއްވީ އިދިކޮޅުލީޑަރ އަލަސާން ވަތާރާ ކަމުގަ އެވެ.