26 Mar 2014, 12:08
ތަފާތު އެކި ދުވަސްމަތިން ހަތް އަހަރުގެ ދެ އަންހެން ކުދީންނާ ޖިންސީ އަމަލު ހިންގަމުން ދިޔަ މީހަކު 10 އަހަރަށް ޖަލަށްލާން ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
އެ ހުކުމް ކޮށްފައި ވަނީ ހދ. ކުޅުދުއްފުށީ ކޮށީގޭ މުހައްމަދު ހުސައިން،78، ގެ މައްޗަށެވެ.
ކުޅުދުއްފުށީ ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އެ ދެ ކުދީންގެ ތެރެއިން އެއްކުއްޖަކާ އޭނާ ޖިންސީ އަމަލު ހިންގާފައި ވަނީ 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ތަފާތު އެކި ދުވަސްމަތިން ކަމަށެވެ. އަދި އަނެއްކުއްޖާއާ ޖިންސީ އަމަލު ހިންގާފައި ވަނީ 2012 ވަނަ އަހަރުގެ ކުރީކޮޅު ތަފާތު އެކި ދުވަސްމަތިން ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.
އޭނާގެ މައްޗަށް އެ ކުށް ސާބިތުވެފައި ވަނީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހާއި އަދި އޭނާ ޝަރީއަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުން ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.
މިއީ މުހައްމަދު ހުސައިންގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވި ފުރަތަމަ ފަހަރެވެ.
އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުންނެވެ.