26 Mar 2014, 11:55
މުއާސަލާތީ ހިދުމަތުން ޓެކްސް ނަގަން ފެށުމުން މިއަހަރު ތެރޭގައި 110 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވޭކަމަށް ޓެކުސްގެ އިދާރާ މީރާއިން ބުނެފި އެވެ.
މީރާގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ މުއާސަލާތީ ހިދުމަތުން ޓެކުސް ނަގަން ފެށުމުން މި އަހަރު 110,032,043ރ. ލިބޭނެ ކަމަށް ގަބޫލް ކުރެވޭ ކަމަށެވެ.
މުއާސަލާތީ ހިދުމަތުން ޓެކްސް ނަގާ ގޮތަށް މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ ގަވާއިދަށް އިސްލާހުކޮށް އިއްޔެ ވަނީ ގެޖެޓްކޮށްފަ އެވެ.
އިއްޔެ ގެޒެޓްކޮށްފައިވާ އެއިސްލާހުގައި ބުނެފައިވާ ގޮތުން މީގެ ކުރިން ޖީއެސްޓީ ނުނެގުމަށް ހިމަނާފައިވާ ޓެލެކޮމިއުނިކޭޝަން ދާއިރާ އިން ޓެކުސް ނެގުމަށް ވަނީ ހިމަނާފަ އެވެ.
ގެޒެޓްގައި ބުނެފައި ވަނީ އެ ގަވާއިދަށް ގެނައި އިސްލާހުތަކަށް އަމަލު ކުރަން ފަށާނީ މެއި މަހުން ފެށިގެން ކަމަށެވެ. ޓެކުސްނަގާނީ ޖީއެސްޓީނަގާ ޕަސެންޓްއިންނެވެ. އެއީ ހަ ޕަސެންޓެވެ. ނަމަވެސް ޓީޖީއެސްޓީ ނަގާ ތަންތަނުން ނަގާނީ ޓީޖީއެސްޓީ ނަގާ މިންވަރެވެ.
މުދަލާއި ހިދުމަތުން ނަގާ ޓެކުސްގެ ތެރެއަށް މުއާސަލާތީ ހިދުމަތް ހިމަނުއްވާފައިވާފައި ވަނީ މިސަރުކާރުން އާމުދަނީ އިތުރުކުރުމަށް ގެނައި އިސްލާހުތަކުގެ ތެރެއިންނެވެ.