ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުތަކުން އެމްޑީޕީ ބަލިވި ނަމަވެސް އެމްޑީޕީގެ ލީޑަޝިޕުން ދުރަށް ވަޑައިގަންނަވަން އަދި ބޭނުން ނުވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ. އެމްޑީޕީގެ އެންމެ އިސް މަގާމު މިހާރު ފުރުއްވަމުން ގެންދަވާ މޫސަ ސަން އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ އިންތިހާބުތަކުން ބަލިވުމުން ލީޑަޝިޕުން ފަހަތަށް ޖެހުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ދެކިވަޑައިނުގަންވާ ކަމަށެވެ.

"އިންތިހާބުތަކުން ބަލިވި ނަމަވެސް ލީޑަޝިޕުން ފަހަތަށް ޖެހެން ޖެހޭ ކަމަށް ގަބޫލެއް ނުކުރަން. ދެން މިވާ ގޮތެއް ބަލަން ޖެހޭނީ. އަޅުގަނޑު އެއްފަރާތަށް ޖެހެން ޖެހޭނީ އަޅުގަނޑުގެ ފަރުވާކުޑަކަމުން ނުވަތަ އަޅުގަނޑުގެ ސީދާ އިހްމާލެއް އޮވެގެން އިންތިހާބުން އެމްޑީޕީ ބަލުވެއްޖެ ކަމަށް ކަމަށްވާ ނަމަ، " މޫސަ ވިދާޅުވި އެވެ.

އަދި މޫސާ ވިދާޅުވީ އިންތިހާބުތަކުން އެމްޑީޕީ ބަލިވި ސަބަބު ބެލުމަށް އެތެރޭގެ އޮޑިޓެއް ހެދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އެމްޑީޕީ ބައެއް މެންބަރުން އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގައި ރައްޔިތުން މަޖިލިސް އިންތިހާބުގައި ވާދަކޮށްފައިވާ އިރު މޫސަ ވިދާޅުވީ އެ މެންބަރުންނާ މެދު ވެސް ގޮތެއް ނިންމާނީ އެ އޮޑިޓަށްފަހުގައި ކަމަށެވެ.

"ތަކުރާރުކޮށް އިންތިހާބުތަކުން ބަލިވެއްޖެއްޔާ އެބަޖެހޭތާ މިއީ ކިހިނެއްވާ ކަމެއްތޯ ބަލަން. އެތެރޭގެ އޮޓިޓެއް ހެދުމުގެ މަސައްކަތް ކުރެވެމުން އެބަދޭ،" އެނާ ވިދާޅުވި އެވެ.

އޭގެ އިތުރުން މޫސަ ވިދާޅުވީ އެމްޑީޕީގެ ލީޑަޝިޕުން އެމަނިކުފާނު ދުރަށް ވަޑައިނުގެންނެވި ނަމަވެސް އަލަށް އިންތިހާބުވި ޕާލަމެންޓްރީ މެންބަރުންނާ އެކު ލީޑަޝިޕަށް "އޮޓަމެޓިކުން" ބަދަލުތަކެއް އަންނާނެ ކަމަށެވެ. ހަމަ އެހެންމެ އެމްޑީޕީގެ ގައުމީ ކޮންގްރެސްއެއް ވަރަށް އަވަހަށް ބޭއްވުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުން އެމްޑީޕީ ފެއިލްވެފައިވާ އިރު އޭގެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިބާއި ރައްޔިތުން މަޖިލިސް އިންތިހާބުގައި ވެސް އެމްޑީޕީގެ މައްޗަށް ކުރި ހޯދީ ސަރުކާރު ހިންގާ ކޯލިޝަނެވެ.
އެ ނަތީޖާތަކަށް ފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ އެމްޑީޕީގެ ލީޑަޝިޕަށް ބަދަލުތަކެއް އަންނަ އަންނަ ޖެހޭ ކަމަށެވެ.