މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބަނގުރާ ކައްކަމުންދިޔަ ބަޔަކު ލ. ގަމުން ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނެއްގެ އިތުރުން 17 އަހަރުގެ ކުއްޖެއް ކަމަށް ފުލުހުން ބުންޏެވެ.

އެ ތިން މީހުން ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އިންޓެލިޖެންސާއި ލ.ގަން ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ހޯމަ ދުވަހުގެ ރޭ 7:15 އެހައިކަންހާއިރު ލ. ގަން ތުނޑި އުތުރު ފަރާތުގައި ހަދަމުންދާ ރިސޯޓެއް ހިމެނޭ ސަރަހައްދު ވަލު ތެރެއިން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެމީހުން ތިބި ސަރަހައްދު ބަލައިފާސްކުރުމުން ބަނގުރާ ކެއްކުމަށް ބޭނުންކުރާ އަލާތްތަކަކާއި ކުއިން އޮއިލް ހުސްކުރިހަންތަކެއްގެ އިތުރުން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ލީޓަރުގެ ފުޅިއެއް ފެނިފައިވާ ކަމަށެވެ.

މި މއްސަލަ ލ. ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.