ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރި ވުމަށްޓަކައި ހުޅުލޭގެ އިރުމަތީ ފަރާތު ފަޅުތެރޭ ސީޕްލޭން ސަރަހައްދުގައި އަޅާފައި ހުރި ކަނޑުގައި ދުއްވާ އުޅަނދުފަހަރު އެސަރަޙައްދުން ނެންގެވުމަށް އަންގައިފި އެވެ.

މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އިބްރާހިމް ނާޞިރު އިންޓަނޭޝަނަލް އެއާޕޯޓްގައި މޫދަށް މަތިންދާބޯޓު ފަހަރު ޖެއްސުމަށްޓަކައި ޚާއްޞަކޮށްފައި އޮންނަ ސަރަޙައްދަކީ ހުޅުލޭގެ އިރުމަތީ ފަރާތު ފަޅުތެރެއަށް ކަމަށްވުމާ އެކު އެ ސަރަޙައްދުގެ ތެރޭގައި ޔޮޓް އަދި އެހެނިހެން އުޅަނދުފަހަރު އަޅާފައި ހުރުމަކީ އެސަރަޙައްދު ބޭނުންކުރާ، މޫދަށް ޖައްސާ މަތިންދާބޯޓު ފަހަރުގެ ރައްކައުތެރިކަމަށް ހުރި ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ.

"އެ ސަރަޙައްދަކީ ވަރަށް ރައްކައުތެރި އަދި ސަލާމަތްތެރި ތަނެއްގެ ގޮތުގައި އޮތުމުގެ މުހިންމުކަން ވަރަށް ބޮޑެވެ. އެހެނީ، އެފަދަ އުޅަނދެއްގެ ސަބަބުން މަތިންދާބޯޓު ފުރުމުގައި ނުވަތަ ޖެއްސުމުގައި ހިތާމަވެރި ހާދިސާއެއް ހިނގައިފި ނަމަ، މީހުންގެ ފުރާނައަށާއި ތަކެއްޗަށް ލިބިދާނެ ގެއްލުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވޭ" އެމްއޭސީއެލްއިން ބުންޏެވެ.

އެމްއޭސީއެލް އިން އިތުރަށް ބުނީ އެ ސަރަޙައްދުގެ އުތުރުކޮޅު ހިއްކުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ސަރަޙައްދަށް އުޅަނދުފަހަރަށް ނުވަދެވޭ ގޮތަށް މިއަހަރުގެ މެއި މަހުގެ ތެރޭގައި ބަންދުކުރެވޭނެ ކަމަށެވެ.