26 Mar 2014, 10:09
ގެއްލިފައިވާ އެމްއެޗް 370 ގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް ފެނުނު ސަރަހައްދަށް ޗައިނާގެ މަތިންދާބޯޓަކާއި ކަނޑުބޯޓެއް ހިނގައްޖެ އެވެ.
ޗައިނާގެ ޒިންހުއާ ނިއުސް އެޖެންސީން މިއަދު ބުނީ އެގައުމުގެ އައިއެލް 76 މަތިންދާބޯޓް މިއަދު ހެނދުނު އެސަރަހައްދަށް ގޮސް، ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ބުނީ ޗައިނާގެ އައިސް ބްރޭކާ ޒިއުލޯން ވެސް މިހާރު އެސަރަހައްދަށް ގޮސްފައިވާ ކަމަށެވެ.
އެމްއެޗް 370 ގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް ޗައިނާގެ މަތިންދާބޯޓަކަށް ފެނުނީ މިދިޔަ ހޯމަ ދުވަހު އެވެ. އޭގެ ކުރިން ޗައިނާ އާއި އޮސްޓްރޭލިއާ އާއި ފްރާންސްގެ ސެޓެލައިޓް އިމޭޖަރީއަށް އެސަރަހައްދުން ވަނީ އެއްޗެހިތަކެއް ފެނިފަ އެވެ.
މެލޭޝިއާ އެއާލައިންގެ ބޯޓް އިންޑިއާ ކަނޑުގެ ސަރަހައްދަށް ވެއްޓިފައިވާ ކަމަށާއި އެބޯޓުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތް ނުވާ ކަމަށް މެލޭޝިއާ ސަރުކާރުން ވަނީ ނިންމާފަ އެވެ.
ހޯމަ ދުވަހު ބޭއްވެވި ޕްރެސްކޮންފަރެއްންސެއްގައި ބޮޑުވަޒީރު ނަޖީބު އަބްދުއްރައްޒާގު، ވިދާޅުވެފައި ވަނީ ބޯޓު ހޯދުމަށް އެންމެ ފަހުން ކުރި މަސައްކަތްތަކުގެ އަލީގައި، އެ ބޯޓު ވަނީ، އިންޑިއާ ކަނޑުގެ ދެކުނުން އޮސްޓްރޭލިޔާގެ ޕާތާ ވީ ސަރަހައްދަށް ވެއްޓިފައިވާކަން ކަށަވަރުވެފައި ކަމަށެވެ.
ނަޖީބު ވިދާޅުވެފައި ވަނީ ބޯޓު ކަނޑަށް ވެއްޓިފައިވާ ކަމަށް ނިންމާފައި ވަނީ، ސެޓެލައިޓް މެދުވެރިކޮށް ހޯދިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ. ޔޫކޭ އެއާ އެކްސިޑެންޓް އިންވެސްޓިގޭޝަން ބްރާންޗުން ސެޓެލައިޓްގެ އެހީގައި އެ ބޯޓު އެންމެފަހުން ދަތުރުކުރި މަގު ދެނެގެންފައި ވާކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ. ވިދާޅުވީ، ބޯޓު ދަތުރުކުރަމުން ގޮސް ގެއްލިފައި ވަނީ، ކައިރީގައި ހިކިފަސް އެއްވެސް ތަނެއް ނެތް އެކަހެރި ހިސާބަކަށް ކަމަށެވެ.
އެމްއެޗް 370 ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ، މިމަހުގެ އަށް ވަނަ ދުވަހު، މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަތުރުކުރަމުން ދަނިކޮށެވެ. އެބޯޓުން ބޯޓުގައި ފަޅުވެރިންނާއި ފަސިންޖަރުންނާ އެކު ޖުމުލަ 239 މީހުން ދަތުރު ކުރިއެވެ.