ދުނިޔޭގެ މޫސުން ޠަބީޢީ ނޫން ނިސްބަތެއްގައި ބަދަލު ވެ، އޭގެ ސަބަބުން ލިބިދާނެ ބޮޑެތި ގެއްލުންތަކަކާ މެދު އިންޒާރު ދީ، ދުނިޔޭގެ ނަންހުރި އެތައް ރިސާޗަރުންނެއް ގުޅިގެން 2013 ވަނަ އަހަރުތައްޔާރު ކުރި ރިޕޯޓަކާ ގުޅިގެން، މައްސަލައާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ޓަކައި ބައިނަލްއަޤްވާމީ ޚާއްޞަ ބައްދަލުވުމެއް ފަށައިފިއެވެ.

ޖަޕާނުގެ ޔޮކޮހާމާގައި މިއަދު ފެށުނު ބައްދަލުވުމުގައި "އިންޓަރގަވަރންމަންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް" (އައިޕީސީސީ) ގެ "ވޯރކިންގ ގްރޫޕް" ގައި ހިމެނިވަޑައިގަންނަވާ އިސް ސައިންޓިސްޓުންނާއި ދުނިޔޭގެ ސަރުކާރުތަކުގެ ރަސްމީ މަންދޫބުން ބައިވެރި ވެވަޑައިގަނެއެވެ. މި ބައްދަލުވުން ހަފުތާއެއްގެ މުއްދަތަށް ދެމިގެން ދާނެއެވެ.

ޔޮކޮހާމާގައި ބާއްވާ ބައްދަލުވުމަށް ހުށަހެޅުނު ޚުލާޞާ ރިޕޯޓު ލީކު ވެ، އޭޖެންސީ ފްރާންސް ޕްރެހަށް ލިބިފައި ވާއިރު، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދުނިޔެއާއި އިންސާނީ ދަރިފަސްކޮޅު ވަރަށް ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ ކަމުގެ އިންޒާރު އެ ޚުލާޞާ ރިޕޯޓުގައި ދީފައި ވެއެވެ.

ޔޮކޮހާމާގެ ބައްދަލުވުމަށް ފަހު، އައިޕީސީސީގެ "ވޯރކިންގ ގްރޫޕް" ގެ ފަރާތުން މި މަހުގެ 31 ވަނަ ދުވަހު ޚާއްޞަ ރިޕޯޓެއް ނެރޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެ ރިޕޯޓުގައި، ދުނިޔޭގެ މޫސުމުގެ މައްސަލަ އޮތް މިންވަރާއި، އޭގެ ސަބަބުން ނިކުންނާނޭ ކަމަށް ބެލެވޭ ނަތީޖާތަކަށް އަލި އަޅުވައިލުމާ އެކު، މައްސަލައާ ބެހޭގޮތުން ދުނިޔޭގެ ސަރުކާރުތަކުން ގެންގުޅޭން ވީ ސިޔާސަތުތަކާ ބެހޭގޮތުން ވެސް އިރުޝާދުތަކެއް ހިމެނޭނޭ ކަމަށް މުރާސިލުން ބުނެއެވެ.

2013 ވަނަ އަހަރުގެ ރިޕޯޓު ތައްޔާރު ކުރުމުގައި ބައިވެރި ވެވަޑައިގަތް ސައިންޓިސްޓުންނާއި ރިސާޗަރުންގެ ޓީމުގެ އިސް ބޭފުޅެއްގެ ގޮތުގައި ޙަރަކާތްތެރި ވެވަޑައިގަތް، އަދި އެމެރިކާގެ "ޔުނައިޓެޑް ސްޓޭޓްސް ކާރނެގީ އިންސްޓިޓިއުޝަން" ގެ ވެރިޔާ، ކްރިސް ފީލްޑް މިއަދު ވިދާޅުވި ގޮތުގައި، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނިކުމެދާނޭ ނަތީޖާތަކާއި، ލިބިދާނޭ ބޮޑެތި ގެއްލުންތަކަކާ ބެހޭގޮތުން ކުރިޔަށް ވުރެ މާ ސާފު ތަޞައްވުރެ މިހާރު ވަނީ ލިބިފައެވެ.

2013 ވަނަ އަހަރުގެ ރިޕޯޓަކީ، އައިޕީސީސީގެ ފަރާތުން ނެރޭން ހަމަޖައްސައިފައި ވާ "ފިފްތު އެސެސްމަންޓް ރިޕޯޓް" ގެ ތިން ރިޕޯޓުގެ ސިލްސިލާގެ ފުރަތަމަ ރިޕޯޓެވެ. އެ ރިޕޯޓުގައި ބުނެފައި ވާ ގޮތުގައި، ދުނިޔެ ހޫނު ވަމުން ދިޔުމުގެ މައިގަނޑު ސަބަބަކީ އިންސާނުން ކުރާ ކަންތައްތައް ކަމާ މެދު ސައިންޓިސްޓުންނަށް މިހާރު ވަނީ ކުރީން ދުވަހަކު ނުވެވޭ ވަރަށް އެއްބަސް ވެވިފައެވެ.

ގްރީންހައުސް ގޭސްތައް އިތުރުވަމުން ދިޔުމުގެ ސަބަބުން ދުނިޔޭގެ އެކިއެކި ސަރަހައްދުތަކުގައި ފެންބޮޑުވުން ފަދަ ހާދިސާތައް އިތުރު ވާނޭ ކަމަށާއި، ޚާއްސަކޮށް ޔޫރަޕާއި އޭޝިއާގެ ގިނަ ހިސާބުތަކަކަށް ނުރައްކާ ބޮޑު ކަމަށް ވެސް ސައިންޓިސްޓުންގެ ރިޕޯޓުގައި ބުނެއެވެ. ހަމައެހެންމެ، ދުނިޔޭގެ ހޫނުމިން މައްޗަށް ގޮސް، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނަތީޖާއެއްގެ ގޮތުން، 2100 ވަނަ އަހަރު އަންނާން ވާ އިރަށް، ކަނޑުގެ އައްސޭރި ފަށުގެ އެތައް ސަރަހައްދެއް ގިރައިގެން ގޮސް، "އެތައް ސަތޭކަ މިލިއަން މީހުން" ހާލުގައި ޖެހޭނެ ކަމަށް ވެސް ރިޕޯޓުގައި ބުނެފައި ވެއެވެ.

ދުނިޔޭގެ މޫސުން ބަދަލު ވެ، ފިނިހޫނުމިން މައްޗަށް ގޮސް، ކަނޑުގެ ލޮނުގަނޑު އުފުލޭނެ ކަމުގެ އިންޒާރު ދިނުމާއެކު، ކުރިޔަށް އޮތް ދަހަތަކުގައި ޖައްވަށް ދޫކުރާ ކާރބަންގެ މިންވަރު ވަރަށް ބޮޑަށް މަދު ކޮށްފި ނަމަ، ކުރިމަތިވާން އަންނަ އެތައް މުޞީބާތެއް ހުއްޓުވިދާނެ ކަމަށް ވެސް ސައިންޓިސްޓުން ވަނީ ބުނެފައެވެ.

އައިޕީސީސީގެ 25 އަހަރުގެ ތާރީޚުގައި، އެ ޕެނަލުން ވަނީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ހަތަރު "އެސެސްމަންޓް ރިޕޯޓް" ނެރެފައެވެ. ނަމަވެސް މިހާރު ނެރޭން ފަށައިފައި ވާ "ފިފްތު އެސެސްމަންޓް ރިޕޯޓް" އަކީ ކުރީ ހުރިހާ ފަހަރުތަކަށް ވުރެ ބޮޑަށް ދިރާސާ ކުރެވިގެން، ކުރީން ނުނެރެވޭހައި ތަފްސީލު ގޮތެއްގައި ނެރެވޭ ރިޕޯޓެކެވެ. ޚާއްސަކޮށް، ކަނޑުގެ ލޮނުގަނޑު އުފުލުމާއި އޭގެ ސަބަބުން ދިމާ ވެދާނޭ ނުރައްކާތަކާ ބެހޭގޮތުން ކުރީގެ ރިޕޯޓުތަކުގައި ބަލައިލައިފައި ނެތް ވަރަށް މި ފަހަރުގެ ރިޕޯޓުގައި ބަލައިލެވިފައި ވާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

މިއަދު ޔޮކޮހާމާގައި ފެށުނު ބައްދަލުވުމުގެ އިފްތިތާޙީ ދަންފަޅީގައި، އައިޕީސީސީގެ ޗެއަރމަން ރާޖެންދުރަ ކުމާރު ޕަޗައުރީ ވިދާޅުވި ގޮތުގައި، މިފަހަރުގެ ބައްދަލުވުމަކީ "އަގު ނުކުރެވޭހައި މުހިއްމު" ބައްދަލުވުމެކެވެ.

އައިޕީސީސީން އެންމެ ފަހުން ނެރުނު މި ފަދަ ރިޕޯޓު 2007 ގައި ނެރުމާ ގުޅިގެން، މޫސުމަށް އަންނަ ބަދަލުތަކާ މެދު މަޝްވަރާ ކުރުމަށް އަލިފުދާލުން ވަނީ 2009 ވަނަ އަހަރު ކޯޕަންހޭގަނުގައި ޚާއްސަ ސަމިޓެއް ބާއްވައިފައެވެ. ނަމަވެސް އެ ސަމިޓަށް ހިޔަނި އެޅިފައި ވަނީ ދުނިޔެ ހޫނު ވާ ކަމަށް ބުނެ ސައިންސްވެރީން ދައްކާ ވާހަކަތައް "ޤަބޫލު ނުކުރާ" "ސްކެޕްޓިކްސް" ގެ ސަބަބުންނެވެ.

ދުނިޔޭގެ މޫސުމަށް ބަދަލު އައިސް، ދުނިޔެ ހޫނު ވެ، ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ކަމަށް މުއުތަބަރު ސައިންސްވެރީންނާއި ދިރާސާކުރުންތެރީންގެ އެތައް ބޭފުޅުންނެއް ވިދާޅުވާ އިރު، ބައެއް ސައިންސްވެރީން ވަނީ އެއީ ޙަޤީޤަތެއް ނޫން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިފަދަ "ސްކެޕްޓިކުންނަކީ" ދުނިޔެ ހޫނު ވާ ބާވަތުގެ ސިނާއީ މަސައްކަތްތައް ކުރާ ކުންފުނިތަކާއި، ދުނިޔެ ހޫނު ވުމުގެ މައްސަލަ ޙައްލު ކުރުމަށް ވުރެ ބޮޑަށް އިޤްތިޞާދީ ފައިދާތައް ހޯދުމުގެ ވިސްނުން ކުރިޔަށް ނެރޭ ސިޔާސީ ފަރާތްތަކުގެ "ޖީބަށް ވެއްޓިފައި ތިބި" ފަރާތްތަކެއް ކަމަށް ތުހުމަތު ކުރެވެއެވެ.