25 Mar 2014, 23:58
މިއަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް އިޓަލީ ގައުމީ ޓީމަށް ކާމިޔާބު ކުރެވިދާނެ ކަމުގައި ޕާމާގެ ހެޑް ކޯޗު ރޮބާޓޯ ޑޮނަޑޯނީ ބުނެފި އެވެ.
ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިވީ އެއްވެސް މެޗަކުން ބަލިނުވެ އެޓީމު ހިމެނުނު ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ނަމަވެސް ވޯލްޑް ކަޕުގެ ފޭވަރިޓް ޓީމެއްގެ ގޮތުގައި ހިމެނޭ އިޓަލީ އަށް އެ މުބާރާތް ފަސޭހަ ނުވާނެ ކަމުގައި ޑޮނަޑޯނީ ގަބޫލުކުރެ އެވެ. ވޯލްޑް ކަޕުގައި އިޓަލީ ހިމެނެނީ އިންގްލެންޑް، ކޮސްޓަ ރިކާ އަދި އުރުގުއޭއާ އެއް ގްރޫޕެއްގަ އެވެ.
"އިޓަލީ އަށް ވޯލްޑް ކަޕް ކާމިޔާބު ކުރެވިދާނެ،" ފީފާގެ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ޑޮނަޑޯނީ ބުންޏެވެ. "ހަމަ ޔަގީނުންވެސް މުބާރާތް ފަސޭހައެއް ނުވާނެ، ނަމަވެސް އަހަރެންނަށް ދެކެނީ އެކަމަކީ ވެދާނެ ކަމެއްގެ ގޮތުގައި. އިޓަލީ ގައުމީ ޓީމުގެ މޮޅެތި ޓެކްނިކަލް ހުނަރުވެރި ކުޅުންތެރިންތަކެއް އެބަހުރި."
ކުރިން އިޓަލީ ފުޓްބޯޅައިން ޑިފެންސިވް ގޭމެއް ކުޅޭ ތަން ފެނުނު ނަމަވެސް، މިހާރު އެގައުމުގެ ފުޓްބޯޅަ ބޮޑަށް ބިނާވެފައި ވަނީ އެޓޭކިން ގޭމެއްގެ މައްޗަށެވެ. ޑޮނަޑޯނީ ބުނީ، އެޓޭކިން ގޭމަކަށް ގައުމީ ޓީމުގެ ކުޅުންތެރިން ހޭނޭނެ ކަމަށް އުންމީދުކުރާ ކަމުގަ އެވެ.
"އެޓޭކިން ގޭމެއް ފެންނަ ނަމަ އެއީ ވަރަށް ރަނގަޅު ކަމެއް. ކުޅުންތެރިން އެޓޭކިން ގޭމަށް ހޭނޭނެކަމަށް އުންމީދުކުރަން. އިޓަލީ ކޯޗު ސިސާރޭ ޕްރަންޑެލީއާ އެކު އަހަރެން އެޓްލާންޓާގައި މަސައްކަތް ކުރިން. އެހެންކަމުން އަހަރެންނަށް އޭނާގެ ގޮތް ވަރަށް ރަނގަޅަށް އެނގޭ. ޕްރަންޑެލީ އަށް ފުޓްބޯޅައިގެ ކަންތައް ވަރަށް ރަނގަޅަށް އެނގޭނެ." ޑޮނަޑޯނީ ބުންޏެވެ.