އެމެރިކާއިން ޢިރާޤުގައި އެތަށް މިލިޔަން ޓަނެއްގެ ކެމިކަލް ވިހަ ސިއްރިޔާތުގައި ވަޅުލާފައިވާ މައްސަލައެއް ބޭޒާރުވެއްޖެ އެވެ. ޢިރާޤުގެ މަސްއޫލުވެރިއެއް ކަމަށްވާ ޝަރްހާން އަލްއަސަދީ ވިދާޅުވީ އެމެރިކާ ސިފައިން އެކިބާވަތުގެ ވިހައާއި އެތަށް މިލިޔަން ޓަނެއް ކެމިކަލް ދަގުއި ވަޅުލާފައިވަނީ ބަޣްދާދުގެ ދެކުނުން ތިންސަތޭކަ ފަންސާސް ކިލޯމީޓަރުގެ ދުރުގައިވާ ޒީޤާރު ގަވަރނޭޓްގައި ކަމުގަ އެވެ. ޢިރާޤުގައި އެމެރިކާ ވަޅުލާފައިވާ އެކިބާވަތުގެ ވިހައާއި ކެމިކަލް ދަގުއި ތަކަކީ ތިމާވެއްޓަށާއި ޢިރާޤުގެ ރައްޔިތުންގެ ސިއްޙަތަށް އެތަށް ސަތޭކަ އަހަރެއްވަންދެން ގެއްލުންލިބޭފަދަ ނުރައްކާތެރި ތަކެތި ކަމަށާއި މިއީ އަޅާނުލާ ދޫކޮށްލެވޭވަރުގެ ކަމެއްނޫން ކަމަށް ޢިރާޤުގެ މަސްއޫލުވެރިޔާ ވިދާޅުވި އެވެ. އިރާޤުގެ ތިމާވެއްޓާބެހޭ ވުޒާރާއިންވަނީ ނުރައްކާތެރި ވިހަތައް ނައްތާލުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއާ އެމެރިކާ ޚިލާފްވެފައިވާކަމަށް ބުނެ މިމުޢާހަދާއަށް އެމެރިކާ އިޙްތިރާމް ކުރަންޖެހޭނެ ކަމަށް ބުނެފަ އެވެ. ޢިރާޤުގެ ބިމުގައި ސިއްރިޔާތުގައި އެމެރިކާ ވަޅުލި އެތަށް މިލިޔަށް ޓަނެއްގެ ވިހައައި ކެމިކަލްދަގުއި އަނބުރައި އެމެރިކާއަށް ގެންގޮސް މިކަމާބެހޭ ބައިނަލްއަޤްވާމީ ޤާނޫނާއެއްގޮތަށް ޢަމަލުކުރުމަށް އެމެރިކާގެ ކިބައިން އެދޭނެ ކަމަށް ޢިރާޤުގެ ނައިބުރައީސް ތާރިޤްއަލްހާޝިމީވެސްވަނީ ވިދާޅުވެފައެވެ. އެމެރިކާއިން ޢިރާޤުގައި ވިހައިގެ ބާވަތްތައް ސިއްރިޔާތުގައި ވަޅުލުމުގެ އިތުރުން އެތަށް މިލިޔަންޓަނެއްގެ ކެމިކަލްވިހަ ޕްރޮސެސް ކޮށްފައިވާކަމަށްވެސް ޢިރާޤުން ބުނެ އެވެ. އެމެރިކާ ސިފައިން ޢިރާޤުގެ ބިމުގައި ވިހައާއި ކެމިކަލް ދަގުއި ވަޅުލާފައިވަނީ އެމެރިކާއިން ޢިރާޤަށް އަރައިގަތުމާ ގުޅިގެން ޢިރާޤު ނިކަމެތިވެ އެމެރިކާގެ އަޅުވެތިކަމުގެ ދަށުގައި ޢިރާޤު އޮންނަ އޮތުމުގެ ނާޖާއިޒު ފައިދާ ނަގައިގެން ކަމަށް ޢިރާޤުގެ ނޫސްތައް ބުނެ އެވެ.