އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެމްޑީޕީއާ ޑީއާރުޕީން ބޭއްވި ދެ ޖަލްސާއެއްގެ ތެރޭގައި ދެ ޕާޓީގެ ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން މާރާމާރީ ހިންގައި، ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގެންނަވާ ތިން މެންބަރުންނާއި އެޕާޓީގެ ނައިބު ލީޑަރެއްގެ އިތުރުން ބައެއް ސަޕޯޓަރުން ފުލުހުން ހައްޔަރުކޮށް، ދޫނިދު އަށް ގެންގޮސްފި އެވެ.


މި ހަމަނުޖެހުން ހިނގީ އެމްޑީޕީގެ ދީނީ މަޝްވަރާ މަޖިލިހާއި ޖަމިއްޔަތުލްޚައިރު ގުޅިގެން އާޓިފިޝަލް ބީޗުގައި ދަރުސެއް ބާއްވަމުންދިޔަ ވަގުތު، ކައިރީގައި ހުރި ޑީއާރުޕީގެ ޖަގަހައިގައި ފެށި އެ ޕާޓީގެ ޖަލްސާއެއްގެ އަޑުގަދަވެ، އެއްވެސް ބަޔަކު ކިޔާ އެއްޗެއް ސާފުނުވާން ފެށުމުން ދެ ޕާޓީގެ ސަޕޯޓަރުން ރުޅިގަދަވެގެންނެވެ. އަދި އެ ހިސާބުން ޑީއާރުޕީއާ އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އެއް ބައެއް އަނެއް ބަޔަކާ ދިމާލަށް ގޮނޑި އާއި ގަލާއި ވެއްޔާއި އަދި ފުޅި ފަދަ ތަކެތި އުކަމުންދިޔަ މަންޒަރު އެވަގުތު އެ ދެ ޖަލްސާ ކަވަރުކުރަމުންދިޔަ ސަންއެފްއެމްގެ ނިއުސް ޓީމުގެ ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ. އެ ހަމަނުޖެހުމުގައި ދެ ޕާޓީއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބަޔަކު ވަނީ ޒަޚަމްވެފަ އެވެ. ނަމަވެސް އެސަރަހައްދުގައި އެވަގުތު ތިބި މީހުންގެ ގިނަ ކަމުން ޒަޙަމްވި މީހުންގެ އަދަދު ވަނީ އެނގޭ ގޮތް ނުވެފަ އެވެ.


އެމްޑީޕީއާ ޑީއާރުޕީއަށް ނިސްބަތްވާ މެންބަރުންގެ މެދުގައި ހިނގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ އެސަރަހައްދަށް ގޮސް، އެ ސަރަހައްދުގައިވާ އާއްމުން އެ ސަރަހައްދުން ދުރަށް ދިއުމަށް ތަކުރާކޮށް އިންޒާރުދިނުމަށް ފަހު، ފުލުހުންގެ އަމުރަށް ހަމަނުޖެހުން ހުއްޓާލައި އެސަރަހައްދުން ދުރަށް ނުދިއުމުން ކަރުނަގޭސް ބޭނުންކޮށް، ހަމަނުޖެހުން ކޮންޓްރޯލްކޮށް އެސަރަހައްދުން އާއްމުން ދުރަށްލާފަ އެވެ. އެހެން ނަމަވެސް އެސަރަހައްދުން ފޮނުވާލި މީހުން އަނެއްކާވެސް ވަނީ ވަނީ ހެންވޭރު ޕާކް ސަރަހައްދުގައި ހަމަނުޖެހުން ހިންގާފަ އެވެ. އަދި މިހަމަނުޖެހުންތަކާ ގުޅިގެން ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަންޒަރު ސަންއެފްއެމްގެ ނިއުސް ޓީމަށް ވަނީ ފެނިފަ އެވެ.


ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ޑީއާރުޕީގެ ނާއިބު ލީޑަރުން ކަމަށްވާ އުމަރު ނަސީރާއި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރ އަލީ ވަހީދާއި ގެމަނަފުށީ ދާއިރާގެ މެންބަރ އިލްހާމް އަހުމަދު އަދި ޑީއާރުޕީގެ ޒުވާނުންގެ ގޮފީގެ ރައީސް ގަލޮޅު ދެކުނު ދާއިރާގެ މެންބަރ އަހުމަދު މަހުލޫފް ހިމެނިވަޑައިގެންނަވާ އެވެ.


ސަންއެފްއެމުން މިރޭ ގެނެސްދިން ބްރޭކިން ނިއުސް އަށް މައުލޫމާތު ދެއްވަމުން އެ ބޭފުޅުން ވިދާޅުވީ މިރޭ އާޓިފިޝަލް ބީޗުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ޑީއާރުޕީގެ އޮފީސް ކައިރީގައި ތިއްބަވަނިކޮށް، އެބޭފުޅުން ފުލުހުންގެ ލޮރީއަކަށް ލައިގެން ގޮސް ފުލުހުން ލޯންޗުގައި ގެންދިޔައީ ދޫނިދޫ އަށް ކަމަށެވެ.


އެހެން ނަމަވެސް މިކަމާ ގުޅިގެން ފުލުހުން ވަކި އެއްޗެކާ ބުނެފައެއްނުވެ އެވެ.


މީގެއިތުރުން ރައްޔިތުން މަޖިލީސް ކުރާ ގޭ ދޮށަށާއި ހޯމް މިނިސްޓަރ މުހައްމަދު ޝިހާބް ދިރިއުޅުއްވާ ގޭ ދޮށަށް ވެސް ޑީއާރުޕީއަށް ސަޕޯޓްކުރާ ބަޔަކު ވަނީ އެއްވެ، ހަމަނުޖެހުން ހިންގާފަ އެވެ. ނަމަވެސް ފުލުހުން ވަނީ އެމީހުން އެސަރަހައްދުތަކުން ދުރަށްލާފަ އެވެ.


މިރޭގެ މިހަމަނުޖެހުމާ ގުޅިގެން ސަރުކާރުގެ މުހިންމު އިމާރާތްތަކެއް ކައިރީގައި ސިފައިން ވަނީ ރައިޓް ގިޔަރާއި ޝީލްޑުއެކު ފޯރިމަރަން ފަށާފަ އެވެ.