އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން ބަލިވެ، ލިބުނު ލަދުވެތިކަމާއި ހިތްދަތިކަމުން އަރައިގަތުމަށް އާސެނަލްގެ ކުޅުންތެރިންނަށް އެޓީމުގެ ފޯވަޑް ލޫކަސް ޕޮޑޮލްސްކީ ގޮވާލައިފި އެވެ.

މިދިޔަ އާދީއްތަ ދުވަހު ޗެލްސީގެ ސްޓެމްފަޑް ބްރިޖްގައި އާސެނަލް ވަނީ ތަފާތު ބޮޑުކޮށް ބަލިވެ، ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފަ އެވެ. ހަމަ އެހެންމެ 6-0 ލަނޑުގެ އެ ކާމިޔާބީއާއެކު ޗެލްސީ ވަނީ ތާވަލުގައި އާސެނަލްއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ފުޅާކޮށްފަ އެވެ.

"ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުން ދިމާވި ކަންތައް އޮޅުން ފިލުވައިދޭން ވަރަށް އުނދަގޫ،" އާސެނަލްގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ޕޮޑޮލްސްކީ ބުންޏެވެ. "އަހަރެމެން އެންމެން މިތިބީ ވަރަށް ބޮޑަށް މާޔޫސްވެފަ. ފުރަތަމަ ސިކުންތުން ފެށިގެން ޗެލްސީން ވަރަށް ރަނގަޅަށް ކުޅެމުންދިޔަ. އެ ވަގުތުން ފެށިގެން އެމީހުން އަހަރެމެންނަށް ރަނގަޅަށް ކުޅެލަން އެއްވެސް ފުރުސަތެއް ނުދޭ. މި މެޗުގެ ނަތީޖާ އާއި މެޗުގައި ހިނގި ކަންތައްތައް ހަނދާން ނައްތާލައި އަހަރެމެން ކުރިއަށް ދާން ޖެހޭ."

ޕޮޑޮލްސްކީ ބުނީ، ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުން ލިބުނު ބޮޑު ނާކާމިޔާބީއާ އެކު ވެސް އާސެނަލް އަށް ލީގު ހޯދުމަށް މަސައްކަތް ކުރެވިދާނެ ކަމަށެވެ.

"އަހަރެންނަށް ޕްރިމިއާ ލީގަކީ ދުނިޔޭގެ އެންމެ ވަރުގަދަ ލީގު. ފަސް، ހަ ޓީމެއް އެ ދަނީ އެއްވަނަ ހޯދުމަށް ހަނގުރާމަ ކުރަމުން. އެހެންކަމުން މުބާރާތް މިވަނީ ވަރަށް ވާދަވެރި ވެފައި،" އޭނާ ބުންޏެވެ. "އަހަރެމެންނަށް އަދިވެސް ލީގުގެ އެއްވަނަ ހޯދުމަށް މަސައްކަތް ކުރެވިދާނެ. އެކަމަށްޓަކައި އަހަރެމެން ޖެހޭނީ ޗެލްސީއާ ދެކޮޅަށް ދެއްކި ކުޅުމަށް ވުރެ ރަނގަޅު ކުޅުމެއް ދައްކަން."