މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ފުރަތަމަ އަތޮޅު ބްރާންޗު، އައްޑޫ ސިޓީގައި މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

އެމްއައިބީގެ ހިތަދޫ ބްރާންޗް ރަސްމީކޮށް މިއަދު ހުޅުވި ނަމަވެސް، އެތަނުގެ ހިދުމަތް މިމަހުގެ 13 ވަނަ ދުވަހުން ފަށައިގެން އަންނަނީ ދެމުންނެވެ.

ހިތަދޫ ބޮޑު މަގުގައި ހުންނަ ތުއްބީ އިމާރާތުގައި ހަދާފައިވާ އެމްއައިބީގެ ހިތަދޫ ބްރާންޗް ރަސްމީކޮށް މިއަދު ހުޅުއްވައިދެއްވީ އެ އިމާރާތުގެ ކުރިމަތީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ވިދާޅުވީ އެމްއައިބީ ގެ ގޮޮތްޕެއް އައްޑޫ ގައި ހުޅުވިގެން ދިއުމުން އައްޑޫ ސިޓީ ގެ އާއްމު ދިރިއުޅުމުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅު ވެގެންދާނެ ކަމަށެވެ.

އެމްއައިބީގެ މެނޭޖިން ޑިރެކްޓަރު ހާރިސް ހާރޫނު ވިދާޅުވީ އެމްއައިބީ ގެ ގޮތްޕެއް އައްޑޫ ގައި ހުޅުވުމަކީ އެ ބޭންކުގެ ތާރީހީ ދުވަހެއް ކަމަށާއި ކުރިއަށް އޮތްތާނގައި އެ ބޭންކު ގެ އިތުރު ގޮފިތަކެއް އަތޮޅު ތެރޭގައި ހުޅުވާނެ ކަމަށެވެ.

"އަތޮޅު ތެރޭގައި ހުޅުވޭ ފުރަތަމަ ގޮފި މި ހުޅުވުނީ ދެކުނުގެ އައްޑޫގައި. ދެން އެމްއައިބީގެ ގޮތްފެއް ހުޅުވާނީ އުތުރުގައި. މިހާރުވެސް ދެ ރަށެއް ބަލަމުން އެބަދަން. އިރާދަކުރެއްވިއްޔާ ދޮޅު އަހަރެއްގެ ތެރޭގައި ދެވަނަ ގޮފި ހުޅުވާނަން. އަޅުނގަޑުމެން ބަލާނީ އަހަރަކު ދެ ގޮފި ހުޅުވޭތޯ،" ހާރޫން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްއައިބީ އަށް ތިން އަހަރުވީ އިރު، އެ ބޭންކުގެ ހިދުމަތް ގިނަ ފަރާތްތަކުން ބަލައިގަންނަމުންދާ ކަމަށެވެ. އެގޮތުން އެ ބޭންކުގެ ގޮފިތަކެއް ރަށްރަށުގައި ހުޅުވުމަށް އެރަށްތަކުގެ ކައުންސިލްތަކުން އެދެމުންދާ ދިއުމަކީ އިސްލާމިކް ބޭންކިންއަށް ދިވެހިންދޭ ސަމާލުކަން ހާމަވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެމްއައިބީ އިން އައްޑޫ ސިޓީގައި މިއަދު ހުޅުވި ބްރާންޗު، ހަފްތާއަކު ފަސް ދުވަހު، ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 8:00 އިން މެންދުރުފަހު 2:30 އަށް ހުޅުވިފައި ހުންނާނެ އެވެ. އަދި ކޮންމެ މަހެއްގެވެސް ފުރަތަމަ ހޮނިހިރު ދުވަހު ބޭންކު ހުޅުވާގޮތަށް ވަރަށް އަވަހަށް ހަދާނެ ކަމަށްވެސް އެ ބޭންކުން ބުންޏެވެ.

އެމްއައިބީގެ ހިތަދޫ ބްރާންޗުން ވެސް އެމްއައިބީގެ މައި އޮފީހުން ލިބޭ ހުރިހާ ހިދުމަތެއް ލިބިގެންދާނެ ކަމަށާއި އަދި ވަރަށް އަވަސް މުސްތަގްބަލެއްގައި އެ ބޭންކުގައި އެމްއައިބީގެ އޭޓީއެމްތަކެއްވެސް ގާއިމްކުރާނެ ކަމަށް ހާރޫން ވިދާޅުވި އެވެ.

"އެމްއައިބީގެ ކޭޝް ކާޑު މިހާރުވެސް ދަނީ މި ގޮފިން ހަދައިދެމުން. މިތަނުގައި އޭޓީއެމްތައް ދެ މަހެއްގެ ތެރޭގައި ބަހައްޓާނަން. އަދި ޕީއޯއެސް މެޝިންތައްވެސް އައްޑޫގެ ރައްޔިތުންނަށް ބަހައްޓައިދޭނަން. އަދި އޮގަސްޓް މަހުގެ ތެރޭގައި އިންޓަނެޓް ބޭންކުގެ ހިދުމަތް ފަށާނަން،" ހާރޫން ވިދާޅުވި އެވެ.

އެމްއައިބީ އަކީ އިސްލާމީ ޝަރީއަތުގެ އުސޫލުތަކާ އެއްގޮތަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭންކިންގެ ހިދުމަތް ދޭން ފެށި ބޭންކެވެ. އެ ބޭންކުގެ ހިދުމަތް 2011 ވަނަ އަހަރު ރާއްޖޭގައި ފަށާފައިވާއިރު އެ ބޭންކަކީ ޖިއްދާގައި ހުންނަ އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓާ (އައިސީޑީ) ގެ 85 ޕަސެންޓް އަދި ދިވެހި ސަރުކާރުގެ 15 ޕަސެންޓް ހިއްސާވާ ބެންކެކެވެ.