ތިމާވެށީގެ މައްސަލަތަކާ ގުޅިގެން ޖައްވު ނުސާފުވެ، ވައި ތަޣައްޔަރު ވުމުގެ ސަބަބުން އަހަރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން މަރުވަމުންދާ މީހުންގެ އަންދާޒާ ކުރާ އަދަދު ހަތް މިލިޔަނަށް އަރާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފި އެވެ.

ޑަބްލިޔުއެޗްއޯ އިން ހާމަކުރި ރިޕޯޓެއްގައި ބުނެފައިވަނީ، ޖައްވު ނުސާފުވެ ވައި ތަޣައްޔަރު ވުމުގެ ސަބަބުން ހިތުގެ ބަލިތަކާއި، ނޭވާލާ ނިޒާމަށް ދިމާވާ މައްސަލަތަކާއި ކެންސަރު ފަދަ ބަލި ޖެހުމަށް މަގުފަހިވާކަން ހޯދުންތަކުން އެނގިފައިވާ ކަމަށެވެ.

ދުނިޔޭގައި މަރުވާ، ކޮންމެ އަށް މީހުންގެ ތެރެއިން އެކަކީ، ވައި ތަޣައްޔަރު ވުމުގެ ސަބަބުން މަރުވާ މީހުންކަން ފާހަގަކޮށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައިވަނީ، "މިއީ މުޅި ދުނިޔޭގައި ވެސް ތިމާވެށީގެ ސަބަބުން މިގޮތަށް ސިއްހަތައް ނުރައްކާވާ އެންމެ ނުރައްކާތެރި މައްސަލަ" ކަމުގަ އެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުން، ވައި ތަޣައްޔަރު ވުމުން ކުރިމަތިވާ ތަފާތު މައްސަލަ ތަކުގައި 2012 ވަނަ އަހަރު މަރުވެފައިވާ މީހުންގެ ތެރެއިން، ހަ މިލިޔަން މީހުންނަކީ، އިރު ދެކުނު އޭޝިޔާ އަދި ހުޅަނގު ޕެސިފިކް ސަރަހައްދަށް ނިސްބަތްވާ މީހުންނެވެ.

"ޖައްވު ނުސާފުވުމުގެ ސަބަބުން ދިމާވަމުންދާ މައްސަލަތަކުގެ ނުރައްކާތެރިކަން ކުރިން ހީކުރެވިފައިވާ ވަރު ނުވަތަ އެނގިފައިވާ ވަރަށްވުރެ ބޮޑުވެފައި މިވަނީ. ހާއްސަކޮށް ސްޓްރޯކް ޖެހުމާއި، ހިތުގެ ބަލިތައް،" ޑަބްލިޔުއެޗްއޯގެ ޕަބްލިކް ހެލްތު، އެންވަޔަރަންމެންޓަލް އެންޑް ސޯޝަލް ޑިޓަމިނެންޓްސް އޮފް ހެލްތު ޑިޕާޓްމަންޓުގެ ޑިރެކްޓަރު، ޑރ. މާރިއާ ނީރާ ވިދާޅުވި ކަމަށް ބީބީސީގައި ވެއެވެ.

އޭނާ ވިދާޅުވީ، ނުރައްކާތެރި މަދު ކަންތައްތަކެއް ނަމަވެސް، ޖައްވު ނުސާފުވެ ވައި ތަޣައްޔަރު ވުމުގެ ސަބަބުން ސީއްހީ ގޮތުން ދިމާވާ މައްސަތަކުގެ ނުރައްކާތެރިކަން ދަނީ ދުވަހުން ދުވަހަށް ބޮޑުވަމުން ކަމަށެވެ.

"ފެންނަންހުރި ކަންތައްތަކުން އަންގައިދެނީ އަހަރެމެން ނޭވާލާން ބޭނުން ކުރާ ވައި ސާފުކުރުމަށް، ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާކަން،" މާރިއާ ވިދާޅުވި އެވެ.

ޑަބްލިޔުއެޗްއޯ އިން ބުނެފައިވަނީ، ޖައްވު ތަޣައްޔަރުވުން ކުޑަކުރެވިއްޖެނަމަ، އެތައް ފުރާނައެއް ސަލާމަތް ކުރެވިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

"އަހަރެމެން ނޭވާލާން ބޭނުކުރާ ވައި، ސާފުކުރުމުން ގައިގަޔަށް އަރާ ބަލިތައް ނޫން ބަލިތަކުން އެބަ ރައްކާތެރިކޮށްދޭ. އަދި ހަމަ އެހެންމެ، އަންހެނުންނާއި ކުޑަކުދިންނާއި ދުވަސްވީ މީހުންނަށް ބަލިތައް ފެތުރުމުގެ ފުރުސަތު ކުޑަކޮށްދޭ،" ޑަބްލިޔުއެޗްއޯގެ ފެމިލީ، ވުމަން އެންޑް ޗިލްޑްރަންސް ހެލްތު އެސިސްޓެންޓް ޑިރެކްޓަރު ޖެނެރަލް ޑރ. ފްލެވިއާ ބުސްޓެރިއޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބަންދުވެފައި ހުންނަ ބަދިގެ ފަދަ ތަންތަނުގައި ދަރު އުނދުނުން ކެއްކުމުން އަރާ ދުމުގެ ސަބަބުން އަންހެނުންނާއި ކުޑަކުދިންނަށް، މިފަދަ މައްސަލަތަކުގެ ސަބަބުން ސިއްހީ ނުރައްކާތަކާ ކުރިމަތިލާންޖެހޭ މިންވަރު އަދި މާ ބޮޑަށް ވެސް އިތުރު ކަމަށެވެ.

ޑަބްލިޔުއެޗްއޯގެ ދިރާސާތަކުން ދައްކާގޮތުގައި، ޖައްވު ނުސާފުވުމުގެ ސަބަބުން މަރުވާ މީހުންގެ ބޮޑުބައެއް މަރުވެފައިވަނީ، ހިތުގެ ބަލިތައް ޖެހިގެންނެވެ. އެގޮތުން، ބޭރު ތެރޭގެ ވައި ނުސާފުވުމުގެ ސަބަބުން މަރުވެފިވާ މީހުންގެ 40 އިންސަތައް އަކީ، ހިތުގެ ބަލިތަކުގައި މަރުވެފައިވާ މީހުންނެވެ. އަދި ސްޓްރޯކް ޖެހިގެން 40 އިންސައްތަ މަރުވެފައިވާއިރު، 11 އިންސައްތަ މީހުން ސީއޯޕީޑީ، އަދި ހަ އިންސައްތަ މީހުން ފުއްޕާ މޭގެ ކެންސަރުގައި، އަދި ނޭވާލާ ނިޒާމަށް މައްސަލަ ޖެހިގެ މަރުވި ކުޑަކުދިންގެ އަދަދު ތިން އިންސައްތަ އަށް އަރައެވެ.

ދިރިއުޅޭ ތަނުގެ އެތެރޭގެ ވައި ނުސާފުވުމުގެ ސަބަބުން މަރުވެފައިވާ ކަމަށް ބެލެވޭ މީހުންގެ ތެރެއިން 34 އިންސައްތަ މީހުން ސްޓްރޯކް ޖެހިގެން، 26 އިންސައްތަ މީހުން ހިތުގެ ބަލިތަކުގައި، ހަ އިންސައްތަ ފުއްޕާމޭގެ ކެންސަރު ޖެހިގެން އަދި ކުޑަކުދިންގެ ނޭވާލާ ނިޒާމަށް ތަފާތު މައްސަލަތައް ކުރިމަތިވެ 22 އިންސައްތަ ކުދިން މަރުވެފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ.

ޖައްވު ނުސާފުވުމާއި ވައި ތަޣައްޔަރު ވުމުގެ ސަބަބުން، ހީވެސް ނުކުރާފަދަ ނުރައްކާތެރި ސީއްހީ މައްސަލަތައް ދިމާވާ ކަމަށް ދުނިޔޭގެ ސިއްހީ ޖަމިއްޔާއިން ބުނެފައިވާއިރު، ކަމުގެ ތަޖުރިބާކާރުން ވިދާޅުވަނީ، ތިމާވެށީގެ މިފަދަ މައްސަލަ ތަކަކީ، ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް "ސީރިއަސް" ވާންޖެހިފައިވާ މައްސަލަތަކެއް ކަމަށެވެ.