25 Mar 2014, 17:15
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރު ރަމަޟާން މަހުގެ ދުވާލުގެ ވަގުތެއްގައި މަސްތުވެގެން ހުރި ކަމަށް ބެލެވިގެން ކުޑަކަމުދާއެއްޗެހި ދިނުމަށް އެންގުމުން އެކަމަށް އިންކާރުކޮށްފައި ވާތީ އޭނާގެ މައްޗަށް ދައުވާ އުފުލައިފި އެވެ.
ދައުލަތުގެ ދައުވާގައި ވަނީ ޖުލައި 21، 2012 ގެ ހަވީރުގެ ވަގުތެއްގައި ދިރާގު ޓްރެފިކް ލައިޓް ކައިރީގައި މަގު ބަންދުކުރުމަށް ފުލުހުން ޖަހާފައިވާ ބެރިކޭޑުތައް ފަޅާލައި، ފުލުހުންގެ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން އެތަނަށް މީހުން އެއްކޮށް ހަޑިހުތުރު ބަހުން މުއާމަލާތްކޮށް އެ ސަރަހައްދުގެ އަމަން ނަގާލުމަށް ހާމިދު މަސައްކަތް ކޮށްފައިވާ މައްސަލައިގެ ތުހުމަތުގައި ފުލުހުން އޭނާ ހައްޔަރު ކުރި ކަމަށެވެ.
ދައުވާގައި ބުނެފައި ވަނީ އޭނާ ހައްޔަރުކުރި އިރު، ބަސްމަގާއި އަމަލުތައް ހުރިގޮތުން އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތު ކުރެވިގެން ކުޑަކަމުދާ އެއްޗިހި ދިނުމަށް އެންގުމުން ކަނޑައެޅިގެން ހާމިދު އެކަމަށް އިންކާރުކޮށްފައިވާ ކަމަށެވެ.
ހދ. ހޮނޑައިދޫގައި މަސްތުވާތަކެތި ބޭނުންކޮށްގެން ހުރިކަމަށް ތުހުމަތު ކުރެވިގެން ކުޑަކަމުދާ އެއްޗިހި ދިނުމަށް އެންގުމުން އެކަމަށް އިންކާރު ކޮށްފައިވާތީ ވެސް ދައުލަތުން ވަނީ އޭނާގެ މައްޗަށް ދައުވާ އުފުލާފަ އެވެ.
އެ ދެ މައްސަލަ ސާބިތުވެއްޖެ ނަމަ ދެ އަހަރު ދުވަހުގެ ޖަލުހުކުމެއް އޭނާ އަށް އަންނާނެ އެވެ.