25 Mar 2014, 17:09
މެލޭޝިއަން އެއާލައިންސްގެ ފްލައިޓް 370 އިން ދަތުރުކުރި ފަސިންޖަރުންގެ އާއިލާ މެންބަރުން ޗައިނާގެ ބެއިޖިންގްގައި ހުންނަ މެލޭޝިއާ އެމްބަސީ ކުރިމަތީ މުޒާހަރާ ކުރަން ފަށައިފި އެވެ.
ބެއިޖިންގްގައި މުޒާހަރާ ފެށިގެން ދިޔައީ، ގެއްލުނު ފްލައިޓު ކަނޑަށް ވެއްޓުނު ކަމަށާއި އެ ފްލައިޓުން ދަތުރުކުރި އެއްވެސް ފަސިންޖަރެއް ސަލާމަތްވެފައި ނުވާ ކަމަށް މެލޭޝިއާ ސަރުކާރުން އިއުލާން ކުރުމާ ގުޅިގެންނެވެ. ބެއިޖިންގް އަށް ދަތުރުކުރަމުން ދިޔަ ފްލައިޓް އިންޑިއާ ކަނޑަށް ވެއްޓިފައިވާ ކަމަށް މެލޭޝިއާ އިން ބުނަމުން ދާތީ އެކަމާ މެދު މުޒާހަރާގެ ބައިވެރިން ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލައިފަ އެވެ.
ޗައިނާގައި ކުރިއަށްދާ މުޒާހަރާގެ ބައިވެރިންނަށް އެގައުމުގެ ސަރުކާރުން އެހީތެރިވުމުގެ ގޮތުން ދަތުރުކުރުމަށް ބަސްތައް ފޯރުކޮށްދޭ ކަމުގައި މުޒާހަރާގެ ބައެއް ބައިވެރިން ބުނެފައިވެ އެވެ. ހަމަ އެއާ އެކު އެ މުޒާހަރާ ކޮންޓްރޯލް ކުރުމުގެ ގޮތުން އެމްބަސީ ކައިރީގައި މިލިޓަރީ ޕޮލިހާއި ސިޓީ ޕޮލިހުން ވަނީ ސެކިއުރިޓީގެ ކަންތައް ވަރުގަދަކޮށްފައިވެ އެވެ.
"ޕްރޭ ފޯ އެމްއެޗް370" ޖަހާފައިވާ ޓީ-ޝާޓުތަކެއް ލައިގެން މުޒާހަރާ ކުރަމުންދާ ފަރާތްތަކުން ދަނީ ގިނަ ޝުއޫރުތަކެއް ފާޅު ކުރަމުންނެވެ.
"އަހަރެމެން ބޭނުން ވަނީ އަހަރެމެންގެ އާއިލާތައް. އަހަރެމެން ބޭނުންވަނީ ހަގީގަތް." މުޒާހަރާގެ ބައިވެރިން އަޑުއުފުލައި ގޮވަމުންދެ އެވެ.
އުމުރުން 30 އަހަރުގެ އިންޖިނިއަރެއް ކަމަށްވާ ވޭންގް ޒެން ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ، ފްލައިޓްގެ ބައިތައް ފެންނަން ދެން އުންމީދުތައް ކަނޑާނުލާނެ ކަމަށެވެ.
"އަހަރެމެންގެ އުންމީދަކީ އާއިލާ މެންބަރުން އެނބުރި އަންނާނެ ކަމަށް. އުންމީދަކީ އެމީހުން ދިރި ހުންނާނެ ކަމަށް. ފްލައިޓްގެ ބައިތައް ފެންނަންދެން އަހަރެމެންގެ އުންމީދުތައް ހުންނާނީ ހަމަ މިހެން." ވޭންގް ބުންޏެވެ.