25 Mar 2014, 17:05
ކުރިއަށް އޮތް ދެ އަހަރުވެސް އިޓަލީގެ ގައުމީ ކޯޗް ކަމުގެ މަގާމްގައި ދެމިހުރުމަށް އެގައުމުގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ސެސާ ޕްރަންޑެލީ ނިންމައިފި އެވެ.
އިޓަލީގެ ފުޓްބޯޅަ ފެޑަރޭޝަނާ ހަވާލާދީ މީޑިއާ ރިޕޯޓްތަކުގައި ބުނެފައި ވަނީ މިހާރު ވެސް ކޯޗް ކަމުގެ މަގާމްގައި ހުރި ޕްރަންޑެލީ އަލުން އެމަގާމް ހަވާލުކުރުމަށް މަސްވަރާތަކެއް ކުރެވެމުން އަންނަ ކަމަށާއި އެގޮތުން އިޓަލީގެ ފުޓްބޯޅަ ފެޑަރޭޝަނުން ނިންމާފައި ވަނީ 2016 ވަނަ އަހަރުގެ ނިޔަލަށް ޕްރަންޑެލީއާ ކޯޗްކަން އަލުން ހަވާލުކޮށް، އެގްރިމަންޓު އާކުރުމަށް ކަމަށެވެ. އަދި ޕްރެންޑެލީއާކު ދާދި އަވަހަށް ސޮއި ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް އިޓަލީގެ ފުޓްބޯޅަ ފެޑަރޭޝަނާ ހަވާލާދީ ރިޕޯޓްތަކުން ބުނެފައިވެ އެވެ.
އުމުރުން 56 އަހަރުގެ ޕްރަންޑެލީ ބުނީ، އިޓަލީގެ ގައުމީ ޓީމަށް ކޯޗްކަން ކޮށްދިނުމުގައި ދެމިހުންނަން ބޭނުންވާ ކަމަށާއި އެހެން ކަމުން އިތުރު ދެއަހަރަށް ކޯޗްކަމާ އަލުން ހަވާލުވުމަށް މިހާރު ދަނީ ފެޑަރޭޝަނާ އެކު އެއްބަސްވުމަކަށް އައުމަށް ވާހަކަ ދައްކަމުން ކަމަށެވެ.
މިއަހަރު ބްރެޒިލްގައި ބާއްވާ ވޯލްޑް ކަޕަށް ފަހު ޕްރަންޑެލީ ކޮންޓްރެކްޓް ހަމަވާ އިރު، މީގެ ކުރިން މީޑިއާތަކަށް ޕްރަންޑެލީ ދީފައިވާ އިންޓަވިއުގައި ބުނެފައި ވަނީ، މިހާރުއޮތް ކޮންޓުރެކްޓު ހަމަވިއެއްކަމަކު ކޯޗިން ކެރިއަރުގައި ދެމިހުންނަން ބޭނުންވާ ކަމަށާއި އެހެން ކަމުން ދެންއެބުރި ދާންނިންމާފައި ވަނީ ކުލަބް ފުޓްބޯޅައަށް ކޯޗްކަން ކޮށްދިނުމަށް ކަމަށެވެ.
މީގެ ހަތަރު އަހަރު ކުރިން އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗް ކަމާ ހަވާލުވި ޕްރަންޑެލީ ވަނީ 2012 ވަނަ އަހަރު ޕޮލެންޑާއި ޔޫކުރޭންގައި ބޭއްވި ޔޫރޯފުޓްބޯޅަ މުބާރާތުގައި އިޓަލީ ފައިނަލަށް ގެންގޮސްދީފަ އެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ ރޭންކިންގައި އިޓަލީ މިވަގުތު އަދި އޮތީ އަށް ވަނަ މަގާމްގަ އެވެ. ރޭންކިންގެ އެއްވަނަ މަގާމްގައި އޮތީ ސްޕެއިންނެވެ.