މާލޭ ސިޓީ ކައުންސިލާ ހަވާލުކުރައްވާފައިވާ ބައެއް ބިންތައް "ރައްޔިތުންނަށާއި ދައުލަތަށް އެންމެ ފައިދާ ހުރި" ގޮތުގައި ބޭނުން ކުރުމަށް ސަރުކާރަށް އަނބުރާ ނެންގެވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އަރުވައިފި އެވެ.

ނަމަވެސް އެއީ ކޮންކޮން ބިންތަކެއް ކަމެއް ރައީސް އޮފީހަކުން ނުބުނެ އެވެ.

އެ ގޮތަށް ލަފާ އެރުއްވީ މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާ އަށް އެ ބިންތަކާ ގުޅޭ ގޮތުން މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ އިގްތިޞާދީ އަދި އިޖުތިމާޢީ ވަޢުދުތައް ޙަގީގަތަކަށް ހެއްދެވުމަށާއި ސަރުކާރުން މާލޭސިޓީއާ މެދު ދެކެވަޑައިގަންނަވާ ތަރައްގީގެ ތަޞައްވުރާ އެއްގޮތަށް، ސަރުކާރުން އެ ބިންތައް ތަރައްގީ ކުރައްވައި ބޭނުންކުރެއްވުމުގެ މުހިންމުކަން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.