ސްޕެނިޝް ލަލީގާ ގައި މިދިޔަ އާދީއްތަ ދުވަހު ކުޅުނު ކްލެސިކޯ މެޗުން ސާބީތުކޮށްދިނީ ބާސެލޯނާއަކީ އަދިވެސް "އެންމެ މޮޅު ޓީމު" ކަމުގައި އެ ކްލަބުގެ ރައީސް ޖޯސެޕް މާރިއާ ބާޓޮމެއޫ ބުނެފި އެވެ.

ބާސާގެ ގިނަ ތަރިންތަކެއް 30 އަހަރުން މައްޗަށް ދިއުމާއި ގުޅިގެން އެކްލަބުގެ ކުޅުން ދަށްވެގެން ދާނެ ކަމުގައި ދިރާސާކުރާ ބައެއް ފަރާތްތަކުން ބުނަމުން ދެއެވެ. މިސީޒަނުގެ ވަކި ހިސާބަކުން ލަލީގާގެ އެއްވަނައިގައި އޮތުމަށް ފަހު، ބާސާ ވަނީ ތިންވަނަ އަށް ވެއްޓިގެން ގޮސްފަ އެވެ. ނަމަވެސް 3-4 ލަނޑުން ވާދަވެރި ރެއާލް މެޑްރިޑް އަތުން ބާސާ މޮޅުވުމުން މޮޅު ޓީމަކީ ބާސާ ކަމަށް ބާޓޮމެއޫ ގަބޫލުކުރެ އެވެ.

"އަހަރެމެންނަށް އެއްވެސް ކަމެއް ބަދަލެއް ނުވޭ،" އޭއެފްޕީ އަށް ދިން އިންޓަވިއުއެއްގައި ބާސާގެ ރައީސް ބުންޏެވެ. "އަހަރެމެން ކުޅުންތެރިންނަށް އިތުބާރުކުރަން. އާދީއްތަ ދުވަހު ސާބިތުވެގެން އެ ދިޔައީ ބާސާ އަކީ އަދިވެސް އެންމެ މޮޅު ޓީމުކަން. މެޑްރިޑާއި ދެކޮޅަށް ބާސާ ދެއްކީ ވަރަށް މޮޅު ކުޅުމެއް."

އާދީއްތަ ދުވަހު މެޑްރިޑާއި ދެކޮޅަށް ބާސާ ކުޅުނު މެޗުގައި ލިއޮނެލް މެސީގެ ހެޓްރިކާއެކު މޮޅުވެ، އެޓީމު ވަނީ ލަލީގާގެ އެންމެ ކުރީގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑާ ދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްފަ އެވެ. މި މޮޅާއެކު ބާސާ އަށް ލަލީގާ ކާމިޔާބު ކުރެވިދާނެ ކަމަށް ބާޓޮމެއޫ ގަބޫލުކުރެ އެވެ.

"މިހާރު އަހަރެމެންގެ ކުރީގައި އޮތް ދެ ޓީމާއި އަހަރެމެންނާއި ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތެއް،" އޭނާ ބުންޏެވެ. "ކުރިއަށް ހުރި މެޗުތަކުން މޮޅުވެ ލީގުގެ ކޮންޓްރޯލް ހޯދުމަށް އަހަރެމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން."