ހަށިވިއްކުމާއި މަސްތުވާތަކެތި ބޭނުންކުރާކަމުގެ ތުހުމަތުގައި އއ. ތޮއްޑޫ އިން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 26 އަހަރުގެ އަންހެނަކާއި 27 އަހަރުގެ އަންހެނެއްގެ އިތުރުން 33 އަހަރުގެ ފިރިހެނެކެވެ. އެ އެންމެންނަކީވެސް ދިވެހިންކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެމީހުން ހައްޔަރު ކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސާއި އއ. ރަސްދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ދަށުން މިމަހުގެ 18 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އެމީހުން ތިބި ގެއިން ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން އެމީހުން ތިބި ތަނަށް ފުލުހުން ވަތް އިރު 27 އަހަރުގެ އަންހެންމީހާ އާއި ފިރިހެންމީހާ ބަދުއަހުލާގީ އަމަލު ހިންގަމުން ދިޔަ ކަމަށާއި އެތަން ބަލައި ފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް އަޅާފައިހުރި ދެ ކަރުދާސްކޮޅާއި މަސްތުވާތަކެތި އެބިއުޒްކުރުމަށް ބޭނުންކޮށްފައިވާ ބައެއް ތަކެތީގެ އިތުރުން ހަށި ވިއްކައިގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ ފައިސާތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި 26 އަހަރުގެ އަންހެން މީހާވެސް ހައްޔަރު ކޮށްފައިވަނީ އެ ކޮޓަރިންކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ހައްޔަރުކުރި ތިން މީހުން ހޯމް މިނިސްޓްރީއަށް ފެންނަ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން މައްސަލަ ތަހުގީގު ކުރުމަށް. ރަސްދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.