އިޓާލިއަން ސެރީއާގައި އޭސީ މިލާނާއި ދެކޮޅަށް ފިއޮރެންޓީނާ ކުޅޭ މުހިންމު މެޗުގައި ޖަރުމަނު ފޯވަޑް މާރިއޯ ގޮމޭޒް އަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެ ކަމަށް އެކްލަބުން ބުނެފި އެވެ.

ގޮމޭޒް އަށް އަނިޔާވީ މިދިޔަ އާދީއްތަ ދުވަހު ނަޕޯލީ އަތުން 1-0 ލަނޑުން މޮޅުވި މެޗުގަ އެވެ. އެމެޗުގައި ގޮމޭޒްގެ ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން ފިއޮރެންޓީނާ އަށް ވަނީ އެ ކްލަބުގެ އެންމެ މުހިންމު ފޯވަޑް ނުލައި މިލާނާއި ދެކޮޅަށް ނުކުންނަން ޖެހިފަ އެވެ.

"ގޮމޭޒް އަށް ލިބުނު އަނިޔާއާ ގުޅިގެން މިއަދު އޭނާ ވަނީ އޯތޮޕައެޑިކް ޓެސްޓްތަކަކާއި ޑިއަގްނޮސްޓީކް ޓެސްޓުތަކެއް ހަދާފައި. ނަޕޯލީއާ ދެކޮޅަށް ކުޅުނު މެޗުގައި ގޮމޭޒްގެ ކަކުލަށް ވަނީ އަނިޔާވެފައި. އޭނާގެ ކަކުލަށް ދިމާވި އަނިޔާއަކީ ފަސްޓް ޑިގްރީ ލިގަމެންޓް އަނިޔާއެއް ކަމަށް ބެލެވޭ. އެހެންކަމުން ކުރިއަށް އޮތް މެޗުގައި އޭނާ އަކަށް ބައިވެރިއެއް ނުވެވޭނެ." ފިއޮރެންޓީނާ އިން ނެރުނު ބަޔާނެއްގައިވެ އެވެ.

ގޮމޭޒްގެ ކަކުލަށް ލިބުނު އަނިޔާ އަކީ މި ސީޒަނުގައި އޭނާ އަށް ކުރިމަތިލާން ޖެހުނު ދެވަނަ އަނިޔާ އެވެ. ގޮމޭޒް އަށް ކުރިން ކުރިމަތިވި އަނިޔާގެ ސަބަބުން ފިއޮރެންޓީނާ ޓީމުން ހަ މަސް ދުވަހު އޭނާ ފެނިފައެއް ނުވެ އެވެ.