ލ. ކަޅައިދޫ އޯޝަންވިލާ މުހައްމަދު ނަޖާހު އޭނާގެ ކުރީގެ ލޯބިވެރިޔާ މަރާލި ކަމަށް ބުނެ ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާގެ ހުކުމް އަންނަ އޭޕްރީލް އިއްވާނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

ދައުލަތުން ނަޖާހުގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ކޮށްފައި ވަނީ 2009 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން އޭނާގެ ކުރީގެ ލޯބިވެރިޔާ ލ. ގަން، ތުނޑި، ހުރަވީ، މަރިޔަމް ޝީރީނާ އެކު މ. ކުރަހާގޭގެ ކޮޓަރިއެއްގެ ތެރޭގައި އުޅުނު އުޅުމުގައި އޭނާ ޝީރީން މަރާލާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

ގިނަ ދުވަސްތަކަށް ފަހު މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އޮތީ ޚުލާސާ ބަޔާން ހުށަހެޅުމެވެ.

ޚުލާސާ ބަޔާން ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ނަޖާހު ޝީރީނަށް އަނިޔާ ކުރާ ކަމަށާއި ފޯނުން ވާހަކަ ދައްކަމުން ޝީރީން މަރާލާނެ ކަމަށް ނަޖާހު ބުނިއަޑު އެހިކަމަށް ބައެއް ހެކީން ހެކިބަސްދީފައިވާ ކަމަށެވެ. އަދި މަރުވާނީ ނަޖާހުގެ އަތުން ކަމަށް ޝީރީން ބުނި ކަމަށް އިތުރު މީހަކު ހެކިބަސްދީފައިވާ ކަމަށް ވެސް ވަކީލާ ވިދާޅުވި އެވެ.

ނަޖާހު ޝީރީން ކައިރީ މީހަކާ ރައްޓެހިވެގެން އުޅޭތޯ ސުވާލު ކުރި ކަމަށާއި އޭގެފަހުން ކުރަހާގޭގެ ކޮޓަރިތެރެއަށް އެ ދެ މީހުން ވަތްފަހުން އިތުރު މީހަކު އެތަނަށް ނުވައްދަން ނަޖާހު މަސައްކަތްކޮށްފައިވާ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

ޝީރީން މަރުވެފައި އޮއްވާ ފެނިފައި ވަނީ މ. އަންގާރީގައި ހަދަމުން ދިޔަ އިމާރާތެއްގެ ކުނިތަކެއްގެ ތެރެއިންނެވެ.

ޝީރީން މަރާލުމަށް ފަހު ފޮއްޓަކަށް އަޅައިގެން އެ އިމާރާތުގެ ތެރެއަށް އޭނާ ގެންގޮސްފައިވާ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އެކަން ސާބިތުކުރުމުގެ ގޮތުން ވީޑިއޯ ފްޓޭޖެއް ވެސް ދައުލަތުން ޝަރީއަތަށް ހުށަހަޅާފައިވެ އެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ ފޮއްޓެއް ހިފައިގެން ނަޖާހު ހިނގާފައިދާ މަންޒަރު ފުލުހުންނަށް ލިބިފައިވާ ވީޑިއޯ ފްޓޭޖަކުން ފެންނަ ކަމަށެވެ. ޓެކްސީއެއްގައި ފޮއްޓެއް ހިފައިގެން ނަޖާހު ދިޔަ ކަމަށް ޓެކްސީ ޑްރައިވަރު ވަނީ ޝަރީއަތުގައި ހެކިބަސްދީފަ އެވެ. އަދި އެ ޓެކްސީގެ ޑިކީތެރެއިން ފެނުނު ޑީއެންއޭ ޝީރީންގެ ޑީއެންއޭއާ ދިމާވާ ކަމަށް ފައިބާ އެގްޒަމިނޭޝަން ރިޕޯޓުން އެނގެން އޮންނަ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

ޝީރީން މަރުވެފައި އޮތް އިރު، މަރުވާ މީހެއްގެ ގައިގައި ނުހުންނަ އާދަޔާ ޚިލާފު ކަންތައްތަކެއް ފެންނަން ހުރި ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ. އެހެންކަމުން އެ ހެކިތަކުގެ މައްޗަށް ރިއާޔަތްކޮށް ގާނޫނު އަސާސީގެ 51 ވަނަ މާއްދާގައި ބުނާ މިންވަރަށް އެ މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުން ވަނީ އެދިފަ އެވެ.

ޚުލާސާ ބަޔާން ހުށަހަޅުއްވަމުން ނަޖާހުގެ ދިފާއީ ވަކީލު ވިދާޅުވީ ދައުވާ ބިނާކޮށްފައިވާ ގޮތަށް، އެ ދައުވާ ސާބިތު ކުރެވޭ ވަރުގެ ކާފީ ހެކި ނެތް ކަމަށެވެ.

ވަކީލު ވިދާޅުވީ އެ ފޮއްޓަކީ ޝީރީން ގެންގުޅޭ ފޮއްޓެއް ކަމަށާއި އެ ފޮށިން ޝީރީންގެ ޑީއެންއޭ ފެނުމަކީ ނަޖާހު އޭނާ މެރިކަން ސާބިތުކުރެވޭނެ ހެއްކެއް ނޫން ކަމަށެވެ.