ކަސްޓަމަރުންނަށް ފަސޭހަކަމާއިއެކު އިންޓަރނެޓް ބޭނުން ކުރެވޭނެގޮތް ހަދައިދިނުމުގެ ބޭނުމުގައި އުރީދޫ އިން މިހާތަނަށް ތައާރަފްކުރި އެން ބޮޑު ޑޭޓާ ޕެކޭޖް، "ޖަންބޯ ޑޭޓާ ޕްލޭންސް" ގެ ނަމުގައި މިއަދު ތައާރަފް ކޮށްފި އެވެ.

އުރީދޫގެ ސީނިއާ ސްޕެޝަލިސްޓް ޕަބްލިކް ރިލޭޝަންސް މަރިޔަމް އަހުމަދު ދީދީ ވިދާޅުވީ އެ ޕެކޭޖަކީ މިހާތަނަށް ރާއްޖޭގައި ތައާރަފްކުރެވުނު އެންމެ ބާރު ސްޕީޑްގައި އިންޓަރނެޓް ލިބޭނެ ޕެކޭޖްކަމަށެވެ. އަދި 200ޖީބީ އާއި ހަމައަށް ޑޭޓާ އެލަވަންސް ލިބޭ އެ ބޮޑު ޕެކޭޖަކީ ތްރީޖީ ގެ ހަލުވި ސްޕީޑާއި ފޯޖީ ނެޓްވޯކުގެ ސުޕަރ ފާސްޓް ސްޕީޑްގައި ވަޔަލެސް ޑޭޓާ ބޭނުންކުރެވޭނެ ޕެކޭޖެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އުރީދޫއިން މިއަދު ތައާރަފްކުރި ޖަންބޯ ޑޭޓާ ޕްލޭންސްގެ ޕެކޭޖްގައި ހިމެނެނީ ޖުމްލަ ހަތަރު ޕްލޭންސް އެކެވެ. އެއީ މަހުފީގެ ގޮތުގައި 999ރ އަށް 20ޖީބީ އާއި 1999ރ އަށް 60ޖީބީ އާއި 2999ރ އަށް 100ޖީބީގެ އިތުރުން 5499ރ އަށް 200ޖީބީ އާއި ހަމައަށް ޑޭޓާ ލިބޭ ޕްލޭންސް ތަކެކެވެ. އޭގެއިތުރުން ޕެކޭޖްގައި ދީފައިވާ އަދަދަށްވުރެ އިތުރަށް ބޭނުންކުރާ ކޮންމެ އެމްބީއަކަށް 10ލާރި ޗާޖްކުރާނެކަމަށް އުރީދޫއިން ބުނެ އެވެ.

ޕޯސްޓްޕެއިޑްގެ ގޮތުގައިދޫކުރާ މި ޕެކޭޖަށް އެޑްވާންސްއަށް ނަގާ ފައިސާ ދެއްކެވުމުން ހިލޭ ދެވޭ ވައިފައި ރައުޓަރ އަކާއިއެކު އުރީދޫގެ ކޮންމެ ފިހާރަޔަކުންވެސް ޕެކޭޖް މިއަދުން ފެށިގެން ޕެކޭޖް އެކްޓިވޭޓް ކުރެވޭނެކަމަށް އުރީދޫއިން ބުނެ އެވެ.