25 Mar 2014, 13:36
ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ ހަތަރު ވަނަ ކެރަމް އެސޯސިއޭޝަން ޗެމްޕިއަންޝިޕް ފަށައިފި އެވެ.
ކެރަމް ހޯލްގައި ރޭ ފެށި މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކެރަމް އެސޯސިއޭޝަނުން ބުނީ، މުބާރާތުގެ ކުޅުމަށް ހަމަޖެހިފައިވާ އިވެންޓްތަކަކީ ފިރިހެން ސިންގަލް، އަންހެން ސިންގަލްސް، ފިރިހެން ޑަބަލްސް، އަންހެން ޑަބަލްސް އަދި މިކްސްޑް ޑަބަލްސް އިވެންޓުގެ އިތުރުން އޯޕަން ސިންގަލް އިވެންޓެވެ. އަދި މުބާރާތުގައި ޖުލްމަ 123 ބައިވެރިއަކު ވާދަކުރެ އެވެ.
މިމުބާރާތުގެ ކުޅުން ރޭ ފައްޓާފައި ވަނީ ޑަބަލްސް އިވެންޓުގެ މެޗުތަކުންނެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ އޯޕަން ސިންގަލްސް ޗެމްޕިއަންކަން ހޯދާފައި ވަނީ ހުސެއިން އަލީ އެވެ. ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ޝާފީ މުހައްމަދު ހޯދާފައިވާ އިރު އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދާފައި ވަނީ އައިޝަތު ފައިނާޒެވެ. ފިރިހެން ޑަބަލްސް ޗެމްޕިއަންކަން އަހްމަދު ހާމިދާއި މުހައްމަދު މުންތަސިރު ހޯދާފައިވާއިރު އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދާފައި ވަނީ އައިމިނަތު ވިޝާމާއާއި މަރިޔަމް ނަދާ އެވެ. މިކްސްޑް ޑަބަލްސް ޗެމްޕިއަންކަން ހޯދާފައި ވަނީ ހުސެއިން އަލީ އާއި އައިޝަތު ފައިނާޒެވެ.