22 Dec 2010, 12:49
ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ ކައުންސިލަރުން އަންނަ އާދީއްތަ ދުވަހަށް ފަހު އެ ވަޒީފާގައި ތިއްބަވާ ނަމަ، ޑީއާރްޕީގެ މެމްބަރުން ނުކުމެ އެ ކައުންސިލަރުން އޮފީހުން ނެރެން ޖެހިދާނެ ކަމުގެ އިންޒާރު ޑީއާރްޕީން ދީފި އެވެ.
ޑީއާރްޕީގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހަނިމާދޫ ދާއިރާގެ މެމްބަރު މުހައްމަދު މުޖުތާޒް މިއަދު ވިދާޅުވީ، ރައީސް އައްޔަންކުރައްވާފައިވާ ކައުންސިލަރުން މިމަހުގެ 26 ވަނަ ދުވަހުގެ ފަހުން މަގާމުގައި ތިއްބެވުން ވާނީ "ވަރަށް ބޮޑު އިޝޫ [މައްސަލަ]" އެއް ކަމަށެވެ.
"ޑިސެމްބަރު މަހުގެ 26 ވަނަ ދުވަސް ވާނީ ދެން އެންމެ ފަހު މުއްދަތަކަށް އިއުލާންކުރާ ދުވަހުން ފެށިގެން [ކައުންސިލަރުންނަށް] އެ މަގާމުގައި ތިބެވޭނެ. އެ މަގާމުގައި އެ ދުވަހަށް ފަހު ރަށްރަށުގެ ކައުންސިލަރުން ވަޒީފާ އަދާކުރާ ކަމަށްވަންޏާ އެއީ ހަމަ ވަރަށް ބޮޑު އިޝޫއަކަށްވާނެ. އަޅުގަނޑުމެންނަށް ޖެހިދާނެ ރަށްރަށަށް ގޮއްސަ އެމީހުން އެތަނުން ނެރެންވެސް އެގޮތަށް އެމީހުން ތިބޭކަމަށް ވަންޏާ،" މުޖުތާޒް ވިދާޅުވި އެވެ.
އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ޤާނޫނުގައި، އިންތިހާބު ބާއްވައި ދާއިރާއެއްގެ އެންމެ އިސްވެރިޔަކަށް އިންތިހާބުގެ ދުވަސްވަރު ހުންނަވާނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ކަނޑައަޅައި ޒިންމާދާރު އިސްވެރިޔާ ކަމަށް ބަޔާންކޮށްފައި ވަނިކޮށް، އެއާ ޚިލާފަށް ކުރީގެ ހޯމް މިނިސްޓަރު މުހަންމަދު ޝިހާބް ނިންމަވާފައިވާ ނިންމެވުމަށް މުޖުތާޒު ފާޑުވިދާޅުވި އެވެ.
"ގާނޫނުގައި އެބަ ބުނޭ އިންތިހާބު އިއުލާންކުރާ ދުވަހުން ފެށިގެން ރަށްރަށުގެ އެންމެ އިސްވެރިޔަކަށް ހުންނަވާނީ ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅައި ޒިންމާދާރު އިސްވެރިޔާއޭ. ނަމަވެސް، ކުރީގެ ހޯމް މިނިސްޓަރު މިވަނީ ކައުންސިލަރުން އެ މަގާމުތަކުގައި ތިއްބެވޭނެ ކަމަށް އަންގަވާފައި. ނަމަވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ ނިންމޭނެ ނިންމުމެއް ނޫން.. އަޅުގަނޑުމެންނަށް ގަބޫލުކުރެވޭނެ ކަމެއް ނޫން ޑީއާރުޕީ ވިއަސް އެމްޑީޕީ ވިއަސް ގާނޫނުގައި ވަކި ގޮތަކަށް ކަމެއް ކުރަން ބަޔާންކޮށްފައި އޮއްވައި އެއާ ހިލާފަށް ކަމެއް ކުރުން. ދިވެހި ރައްޔިތުންނަކީ ގާނޫނު އަސާސީ އަށް ގާނޫނަށް ބޯލަބަން ޖެހޭނެ ބައެއް. އެއީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވިއަސް.ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ކަމަށް ވިޔަސް،" މުޖުތާޒް ވިދާޅުވި އެވެ.
މުޖުތާޒު އިތުރަށް ވިދާޅުވީ، ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވުން އެއީ ޑީއާރްޕީން އެންމެ ކަންބޮޑުވާ ކަންތައް ކަމަށެވެ. އަދި ކައުންސިލަރުންނަށް މަގާމުގައި ތިއްބެވޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓާ އެންގެވުމަކީ ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވާ ކަމުގެ ހެއްކެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދި އިންތިހާބު އިއުލާންކުރާ ދުވަހުން ފެށިގެން ކައުންސިލަރުންނަށް މަގާމުގައި ނުތިއްބެވޭނެ ކަމަށް ބުނާ މާއްދާ ޤާނޫނުގައި ހިމަނުއްވާފައި ވަނީ ވެސް އިންތިހާބަށް ކައުންސިލަރުން ނުފޫޒު ފޯރުވިޔަ ނުދިނުމަށް ކަން އޭނާ ފާހަގަކުރެއްވި އެވެ.
"...ހަގީގަތުގައި އެގޮތަށް ޤާނޫނުގައި އަޅުގަނޑުމެން ލިޔެފައި އެ އޮތީވެސް ކައުންސިލަރުންގެ ފަރާތުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ނުފޫޒު ފޯރުވިޔަ ނުދޭން. އެކަން ކުރުމުގެ މަގުސަދުގައި އަޅުގަނޑުމެން ކަނޑައެޅިގެން ގަސްތުގައި ހިމަނާފައި އޮތް މާއްދާއެއް އެއީ،" މުޖުތާޒު ވިދާޅުވި އެވެ.
އިންތިހާބުގެ ދުވަސްވަރު ކައުންސިލަރުން ތިއްބެވުމަކީ ގަބޫލުރާ ކަމެއް ނޫން ކަމަށް ސީއެސްސީއާއި އަދި އިލެކްޝަންސް ކޮމިޝަނުން ވެސް ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އައްޔަންކޮށްފައިވާ ކައުންސިލަރުން މަގާމުގައި ތިއްބެވުމުގެ ނިންމެވުމަށް ސަރުކާރުން ބަދަލުގެނެސްފައި ނުވާއިރު، އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާފައިވަނީ، އިންތިހާބާ ގުޅޭ އެންމެހާ ކަންކަމުގައި އެ ދާއިރާއަކަށް ސީއެސްސީ އިން ކަނޑައަޅާފައި ހުންނެވި އިސްވެރިޔާއާ މުއާމަލާތް ކުރެއްވުމަށެވެ.