ހއ. ދިއްދޫގެ ބޮޑު ބައެއް ވަނީ ގިރާލައިފަ އެވެ. ރަށް ގިރުމުގެ މައްސަލައަކީ އެ ރަށަށް ވަރަށް ބޮޑަށް ދިމާވެފައިވާ މައްސަލައެކެވެ. އެ ރަށު ކައުންސިލުން ބުނާ ގޮތުން ނަމަ 2010 ވަނަ އަހަރުން މިހާތަނަށް 300 ވަރަކަށް ފޫޓް އެރަށް ވަނީ ގިރާލާފަ އެވެ.

ސަންގެ ނޫސްވެރިން ދިއްދޫ އަށް ގޮސް ބެލި އިރު އެ ރަށުގެ ހުޅަނގުފަރާތުން ބޮޑު ބައެއް ގިރާފައިވާތަން ވަނީ ފެނިފަ އެވެ. އަދި އެރަށް ގިރުމުގެ ސަބަބުން ގިނަ އަދަދެއްގެ ރުއްގަސް މޫދަށް ވެއްޓިފައިވެެ އެވެ. މީހުން އުޅޭ ސަރަހައްދާ ގާތް ވާވަރަށް މިހާރު އެރަށް ދަނީ ގިރަމުންނެވެ. އެހެލާފައި ހުރި ބައެއް ދޯނި ފަހަރު މޫދަށް ފައިބާވަރަށް އެރަށް ދަނީ ގިރަމުންނެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝިނާން ވިދާޅުވީ 2000 ވަނަ އަހަރުން ފެށިގެން އެރަށް ގިރުމުގެ މައްސަލަ ކުރިމަތިވާ ކަމަށެވެ. އަދި 2010 ވަނަ އަހަރު އެރަށް ހިއްކުމާ ގުޅިގެން އެރަށް ގިރުން އިތުރުވެފައިވާ ކަމަށް ވިދާޅުވި އެވެ.

"ރަށް ގިރުން މިހާރު މިވަނީ ކަންބޮޑުވާ ދަރަޖަ އަށް ގޮސް، މިކަމަށް ހައްލެއް ގެނައުމަށް ސަރުކާރުގެ ސަމާލުކަމަށް ވާނީ ގެނެސްފައި. ގޭގޭ ހުންނަ ސަރަހައްދު ވެސް ގިރާލުމުގެ ބިރު އެބައޮތް،" ޝިނާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެރަށުން މިހާރު ވަނީ 300 ފޫޓް ގިރާލާފަ އެވެ. އަދި އެ ރަށް ގިރުމުގެ ކަންކަން ހައްލެއް ނައިސް ވަރަށް ބޮޑަށް ރަށް ގިރަމުންދާ ކަމަށް ވިދާޅުވި އެވެ.

އެމައްސަލާގައި އެންވައިރޮމެންޓް މިނިސްޓްރީގެ ބަހެއް ލިބިފައިނުވާ އިރު ޝިނާން ވިދާޅުވީ އެ ރަށް ގިރު މުގެ މައްސަލަ ހައްލުކުރުމަށް ބަޖެޓް ލިބިފައިނުވާ ކަމަށް އެ މިނިސްޓްރީ އިން ބުނެފައިވާ ކަމަށެވެ. އަދި އެކަމަށް އޮތް ހައްލަކީ ރިވެޓްމެންޓް ޖެހުން ކަމަށް ވިދާޅުވި އެވެ.

ދިއްދޫގެ ދުވަސް ވީ މީހުން ބުނާގޮތުންނަމަ އެރަށް ގިރަން ދިމާވާ ސަބަބަކީ އެރަށް ހިއްކުމުގެ ސަބަބުން އޮޔެ ބަންދުވުން ކަމަށެވެ.