25 Mar 2014, 09:37
އެމްއެންޑީއެފް 13 ވަނަ އިންޓަ ޔުނިޓް ފުޓްބޯޅަ މުބާރާތުގެ އެއް ވަނަ ޑިވިޒަންގެ ޗެމްޕިއަންކަން ކޯސްޓްގާޑުގެ ޓީމު ހޯދައި، ދެ ވަނަ ޑިވިޒަންގެ ޗެމްޕިއަންކަން ސްޕެޝަލް އެސެސްމަންޓް ޔުނިޓް (އެސްއޭޔޫ) އާއި ދިވެހި ދިވެހި ސިފައިން ކުލަބް (ޑީއެސްސީ) ކޮމްބައިން ޓީމުން ހޯދައިފި އެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ރޭ ކުޅެވު އެއްވަނަ ޑިވިޒަންގެ ޗެމްޕިއަންކަން ކޯސްޓްގާޑް ހޯދާފައި ވަނީ ފައިނަލް މެޗްގައި މެރިން ޑިޕްލޮއިމަންޓް ޔުނިޓް 2 (އެމްޑީޔޫ 2) ޓީމާ ބައްދަލުކޮށް 3 ލަނޑު 0 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.
ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ ކޯސްޓްގާޑުގެ މުހައްމަދު ޝާހެވެ. މީގެ އިތުރުން މި މުބާރާތުގެ އެއްވަނަ ޑިވިޒަންގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ލިބިފައި ވަނީ އެމްޑީޔޫ 2 ގެ އަހުމަދު ލަތީފަށާއި އެފްއާރުއެސްގެ އިބްރާހިމް އަހުމަދަށެވެ. އެއްވަނަ ޑިވިޒަންގެ އެންމެ މޮޅު ޑިފެންޑަރުގެ މަގާމު އެމްޑީޔޫ 1 ގެ އަހުމަދު ރަޝީދަށް ލިބުނު އިރު އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވިފައި ވަނީ އެމްޑީޔޫ 2 ގެ އަހުމަދު ނަދީމެވެ. މީގެ އިތުރުން އެންމެ މޮޅު ފޯވާޑުގެ މަގާމު ލިބިފައި ވަނީ ކޯސްޓްގާޑުގެ މުހައްމަދު ޝާހަށެވެ. އެންމޮޅު ކީޕަރުގެ މަގާމު އެފްއާރުއެސް ޓީމުގެ އަޝްރަފް މުހައްމަދަށް ލިބުު އިރު އެއްވަނަ ޑިވިޒަންގެ ހުރިހާ ގޮތަކުން އެންމެ މޮޅުކުޅުން ތެރިއަކަށް ހޮވިފައި ވަނީ އެފްއާރުއެސް ޓީމުގެ އިބްރާހިމް އަހުމަދެވެ.
ދެ ވަނަ ޑިވިޒަންގެ ޗެމްޕިއަންކަން ސްޕެޝަލް އެސެސްމަންޓް ޔުނިޓް (އެސްއޭޔޫ) އާއި ދިވެހި ދިވެހި ސިފައިން ކުލަބް (ޑީއެސްސީ) ކޮމްބައިން ޓީމު ހޯދީ ފައިނަލް މެޗްގައި މިދިޔަ އާދިއްތަ ދުވަހުގެ ހަވީރު އިލެކްޓްރިކަލް މެކޭނިކަލް އިންޖިނިއަރިންގ (އީއެމްއީ) ގެ ޓީމާއި ބައްދަލުކޮށް 3 ލަނޑު 0 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.
ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ އެސްއޭޔޫ/ޑީއެސްސީ ޓީމުގެ އަފްރާހު އިބްރާހީމެވެ. މީގެ އިތުރުން މިމުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަޤާމާއި އެންމެ މޮޅު ފޯވާޑުގެ މަޤާމު ހޯދާފައި ވަނީ އީއެމްއީގެ ހުސައިން ނަޖީބެވެ. އެންމެ މޮޅު ޑިފެންޑަރަކަށް އެސްއޭޔޫ/ޑީއެސްސީ ޓީމުގެ އަފްރާހު އިބްރާހީމަށް ލިބުނު އިރު އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވިފައި ވަނީ ސިފްކޯ ކޮމްބައިން ޓީމުގެ ގެ އިސްމާއީލް މަމްދޫހެވެެ. އެންމޮޅު ކީޕަރުގެ މަގާމު މިލިޓަރީ ޕޮލިސް ޓީމުގެ ހަސަން ފަޔާޒަށް ލިބުުނު އިރު ދެވަނަ ޑިވިޒަންގެ އެންމެ މޮޅުކުޅުން ތެރިއަކަށް ހޮވިފައި ވަނީ އީއެމްއީ ޓީމުގެ އަބްދުﷲ ޝުޖާއެވެ.
މި މުބާރާތުގައި ފުރަތަމަ ޑިވިޒަންގައި ނުވަ ޓީމެއް ބައިވެރިވެފައިވާއިރު، ދެވަނަ ޑިވިޒަންގައި ބައިވެރިވެފައި ވަނީ 13 ޓީމެވެ.