ހއ. ދިއްދޫން އަހުމަދު ސާއިލް އަލީ

އެއީ 1990 އަހަރުގެ ކުރީކޮޅެވެ. އަދުގެ ޓެކްނޮލޮޖީތައް ރާއްޖެ އަށް ތައާރަފްވެގެން އައުމުގެ މަގުމައްޗެވެ. މީޑިއާތައް ފުޅާވެ ޓީވީތައް އާންމުވި ކޮޅުމައްޗެވެ. އަތޮޅުތެރޭ ރައްޔިތުންނަށް ފަސޭހައިން ރީތިކޮށް ޓީވީ ދެއްކުމަށްޓަކައި އެ ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ދިޔައީ ބޯ ތަށިތައް (ޑިޝްއެންޓަނާ) ހަރުކުރަމުންނެވެ.

ހއ. ގެ ވެރިކަން ކުރާ ދިއްދޫ އަށް ބޯތައްޓެއް ގެނައީ ވެސް އެދުވަސްވެރެވެ. އޭރު މީހުން މިހާ ހޭލުން ތެރިއެއް ނޫނެވެ. ގިނަ ކަންކަމަށް އަލެވެ. އެހެންކަމަށްވުމާ އެކު ދިއްދޫ ރައްޔިތުންނާ ދިމާކުރަން ދައްކާ ވާހަކައެއް ވަނީ ހަރުލާފަ އެވެ. އެއީ "ދިއްދޫ ބޯތަށީގައި ސަތަރިއެޅި" ވާހަކަ އެވެ.

ދިއްދޫ މީހުންނަށް މަލާމާތް ކުރުމުގެ ގޮތުން މީހުން ބުނާ ގޮތުން ނަމަ އެރަށު މީހުން ވަނީ އެކަން ކޮށްފަ އެވެ. އެކަން ހިނގާފައި ވަނީ އެރަށުގައި ބޯތަށި ހަރުކޮށްފައި މާ ގިނަ އިރުތަކެއް ނުވަނީސް ވިއްސާރަ އައުމުންނެވެ. ދިއްދޫ ބަޔަކު ހީކުރީ އެއްވެސް ހިޔަލެއް ނެތި ހަރުކޮށްފައިވާ ބޯތައްޓަށް ވިއްސާރަ ވެހެމުން ހަލާކުވާނެ ކަމަށެވެ. އެހެންކަމަށް ހީކޮށް ބޯތަށީގައި ސަތަރި އަޅައި ހިޔާކުރީ އެވެ. ފަހުން އެވާހަކަވީ ބޮޑު ޖޯކަކަށެވެ.

ދިއްދޫ މީހުން ބޯތަށީގައި ސަތަރިއެޅި ވާހަކައިގެ އަސްލު ހަގީގަތް ހޯދުމަށް ވަނީ ވަރަށް ބޮޑު ދައްޗަކަށް ވެފަ އެވެ. އެއީ އެރަށުގައި ވެސް އެކި ގޮތްގޮތަށް ދެކެވޭ ވާހަކައެ ކެވެ. އެއްބަޔަކު އެކަމާއި އެއްބަހެއް ނުވެ އެވެ. އަނެއް ބަޔަކު އެ ވާހަކަ ތެދު ކުރެ އެވެ.

ދިއްދޫގެ މަސްވެރިއެއް ކަމަށްވާ މުހައްމަދު އިބްރާހިމް ކިޔައިދިން ގޮތުގައި ދިއްދޫ މީހުން ބޯތަށީގައި ސަތަރިއެޅި ވާހަކައަކީ އެރަށުގައި ހިނގި ކަމެކެވެ. އެކަމަކު މުހައްމަދުބޭ ބުނީ އެކަމަކީ ބަޔަކު ސަކަރާތްޖަހަން ކުރުވި ކަމެއް ކަމަށެވެ.

"އެއީ ހަމަ މިރަށުގައި ކުރިކަމެއް. ބޭބެއަށް އެނގިފައިވާ ގޮތުގައި އެކަން ކުރުވާފައި ވަނީ މަސައްކަތު މީހުން ލައްވާ އޭރު ތިބި ބަޔަކު މަޖަލަކަށް. މަސައްކަތު މީހުން ކައިރި ބުނި ކަމަށްވަނީ ހަލާކުވެދާނެއޭ ވާރޭ އަތުވެއްޖެއްޔާ. އެހެން ބުނުމުން މަސައްކަތު މީހުން އޭތި ހިޔާކުރި ކަމަށް ވަނީ،" ދިއްދޫގެ މަސްވެރިއެއް ކަމަށްވާ އޭނާ ބުންޏެވެ.

ދިއްދޫ މީހުން ބޯތަށީގައި ސަތަރިއެޅި ވާހަކަ ތަފާތު ގޮތްގޮތަށް އެރަށު ތެރޭގައި ދެކެވޭ އިރު އެމީހުން އެހާ އަޑުއަހަން ބޭނުންވާ ވާހަކައެއް ނޫނެވެ. އެރަށު މީހުން ގަބޫލް ކުރާ ގޮތުންނަމަ އެ ވާހަކައަކީ އެމީހުންނަށް ކުރާ ބޮޑު މަލާމާތެކެވެ. ނަމަވެސް ގިނަ ބަޔަކު އެއީ ކުރި ކަމެއް ކަމަށް އެއްބަސްވެ އެވެ.

ދިއްދޫގައި ގިނަ ދުވަސްތަކެއް ވަންދެން ކަތީބުކަން ކުރައްވާފައިވާ ޒަކަރިއްޔާ ހުސެއިން ވިދާޅުވި ގޮތުގައި "ދިއްދޫ މީހުން ބޯތަށީގައި ސަތަރިއެޅި، ވާހަކަ އެއީ ވީ ކަމެއް، އެނިގައިފައިވާ ގޮތުގައި އެކަން ކޮށްފައިވަނީ ރަނގަޅަށް ބޯތަށި ހަރު ނުކުރެވެނީސް ވާރޭ އައުމުން، އެހެންވެ ހިޔާ ކުރަން ކުރި ކަމެއް ކަމަށް ވަނީ، އެއީ ހިނގިކަމެއް" ކަމަށެވެ.

ދިއްދޫގައި އެ ވާހަކަތައް ދޮގު ކުރާ މީހުން ވެސް މަދެއް ނޫނެވެ. ސަބަބަކަށް ވެފައިވަނީ އެއީ އެރަށަށް ކުރާ މަލާމާތަކަށް ވެފައިވާތީ އެވެ.

އެމީހުން ބުނާ ގޮތުން ދިއްދޫ މީހުން ބޯތަށީގައި ސަތަރިއެޅި އިރު އެއަތޮޅުގެ ވެރިޔަކަށް ހުންނެވީ އާދަމް އަބުދުއްރަހުމާން (އުތީމް އާދަމްބެ) އެވެ. އާދަމްބެ ވިދާޅުވި ގޮތުގައި އެއީ ދިއްދޫ މީހުން ކުރި ކަމެއް ނޫނެވެ. އެއީ އެރަށަށް މަލާމާތް ކުރުމުގެ ގޮތުން ބަޔަކު "ހަދައިގެން ދައްކާ، ފުލޯކް" ވާހަކައެއް ކަމަށެވެ.

"ހަމަ ވަރަށް ހޭލުންތެރި މީހުން އެމަސައްކަތުގައި އުޅުނީ، އެއީ ވީ ކަމެއް ނޫން، އެއީ މަލާމާތަކަށް ވަރަށް މޮޅަށް ހަދައިގެން ދައްކާ ވާހަކައެއް،" އުތީމް އާދަމްބެ ވިދާޅުވި އެވެ.

އާދަމްބެ ވިދާޅުވި ގޮތުގައި އެރަށުގައި ބޯތަށި ހަރުކުރީ އެކަމުގެ ގާބިލްކަން ލިބިފައިވާ "ޓެކްނީޝަން" އިންނެވެ. އެހެންކަމަށްވުމާއެކު ވެސް އެފަދަ މޮޔަކަމެއް ނުކުރާ ކަމަށް އާދަމްބެ ވިދާޅުވެ އެވެ.

އެކަމުގެ ހަގީގަތް ހޯދުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ތަފާތު ވިސްނުންތަކުގެ ފަރާތްތަކާއި ވާހަކަދެކުވުނެވެ. ވާހަކަ ދެކެވުނު ގިނަ މީހުން ވަނީ އެއީ އެރަށުގައި ހިނގިކަމެއް ކަމަށް އެއްބަސްވެ އެވެ. ނަމަވެސް ކިޔައިދޭގޮތް ތަފާތެވެ.