25 Mar 2014, 00:13
ހޯމަ ދުވަހު، ހެނދު 10:15 ކަންހާއިރު، ކ. މާފުށީގެ ރައްޔިތުންނަށް ކުރިމަތިލާން ޖެހުނީ، އެ ކަމަށް އެއްވެސް ވަރަކަށް ތައްޔާރުވެގެން ތިބި ކަމަކާ ނޫނެވެ. ޓޫރިސްޓުންގެ "ރަށްފުށު ޖަގަހަ" އަދި ގައިދީންގެ އަނދަގޮނޑި ގޮތުގައި އޮތް މާފުށި މިއަދު އޮތީ "ކަރަންޓަށް ޖެހިފަ" އެވެ. މާފުށީގެ އިންޖީނުގޭގައި ހުރި އެންމެ ބޮޑު ޖަނަރޭޓަރު ހަލާކުވެ، ރަށަށް ކަރަންޓު ދެނީ އެންމެ ޖަނަރޭޓަރަކުންނެވެ. ރަށަށް ކަރަންޓްދޭ ހަމައެކަނި ޖަނަރޭޓަރަށް "އޮބިނޯވެގެން" ކަރަންޓް ކަނޑާލަން ޖެހެނީ އެވެ.
ނަމަވެސް ރަށު ރައްޔިތުންނާއި ޓޫރިސްޓުން އަނދިރީގައި މިރޭ ތިބެންޖެހުނު އިރު، ގައިދީންނަކަށް އެ އިހްސާސެއް ވިޔަކަ ނުދެ އެވެ. ހޯމަދުވަހު ހެނދުނު، މާފުށީ އިންޖީނުގޭގައި ހުރި އެއް ޖަނަރޭޓަރަށް މައްސަލައެއް ދިމާވުމާ ގުޅިގެން ރަށުގެ އެކި ހިސާބުން އިރުއިރުކޮޅުން ކަރަންޓު ކަނޑަމުން ދިޔަ ނަމަވެސް، ގައިދީން ތިބޭ ސަރަހައްދުން ކަރަންޓު ދިޔަ ނުދީ ވޭތޯ ހުރިހާ ފަރާތަކުން ވެސް ދިޔައީ ބޮޑަށް މަސައްކަތް ކުރަމުންނެވެ.
މާފުށި ކައުންސިލްގެ ރައީސް، އާއިޝަތު ލިއުޝާ "ސަން"އަށް މިރޭ ވިދާޅުވީ، ހެނދުނު 10:15 ކަންހާއިރު ކަރަންޓުދާން މެދުވެރިވީ، އެރަށުގައި ސްޓެލްކޯއިން ހިންގާ އިންޖީނުގޭގައި ހުރި، "ބެކަޕް އިންޖީން" އޯވަހޯލް ކުރަން ޖައްސާފައި ހުއްޓައި، ބާކީ ހުރި ދެ އިންޖީނުގެ ތެރެއިން "ބޮޑު" އިންޖީނު ހަލާކުވުމުން ކަމަށެވެ.
"އެ ވަގުތުން ފެށިގެން ސްޓެލްކޯ ބޭފުޅުން އެ ގެންދަނީ، މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން. އެކަމަކު އިންޖީނުގެ ބައެއް ބައިތަކަކީ، އެހާ ފަސޭހައިން ލިބޭ އެއްޗިއްސެއް ނޫން. އެކަމަކު ވެސް އެތަކެއްޗަށް އޯޑަރު ކޮށްގެން، މިހާރު އުޅެނީ. އަދި މައްސަލަ ހައްލު ކުރުމަށް، ޗުއްޓީގައި ތިބި ދެ މުވައްޒަފަކު ވެސް މަސައްކަތަށް ނިކުމެގެން އުޅެނީ. އަދި މާލެއިން ވެސް ސްޓެލްކޯގެ ޓީމެއް މި ރަށަށް އައިސް އެ މަސައްކަތުގައި އެބަ ހަރަކާތަތެރިވޭ،" ލިއުޝާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ގިނަ އަދަދެއްގެ ގެސްޓް ހައުސްތައް ވެސް ހުންނަ އެ ރަށުގައި، ކަރަންޓު ދިއުމުން އާންމުންނަށާއި އަދި އެ ރަށުގައި ތިބި ފަތުރުވެރިންނަށް ވެސް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހޭނެކަން ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އިރުއޮއްސި 6:00 ފެށިގެން ރަށުގެ އެކި ސަރަހައްދަށް ކަރަންޓު ދެމުން ގެންދިޔަ ކަމަށާއި އަދި މިހާރު ހުރިހާ ސަރަހައްދަކަށް ވެސް "ކޮންމެވެސް ގޮތަކަށް" ކަރަންޓު ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެންމެން ފުލްކޮށް ބޭނުން ކުރާވަރަކަށް ކަރަންޓެއް ނުދެވޭނެ. އެކަމަކު މިހާރު ހުރިހާ ހިސާބަކަށް ވެސް ކަރަންޓު ލިބޭނެ. އަޅުގަނޑުމެން މިދަނީ ރައްޔިތުންނަށް އިލްތިމާސް ކުރަމުން އިންޖީނު ހެދެންދެން، ވީހައިވެސް މަދުން ކަރަންޓު ބޭނުންކުރަން،" އޭނާ ވިދާޅުވި އެވެ. "މިރޭ ދޭއް ތިނެއް ޖަހާކަންހާއިރު، އޯވަހޯލްކުރަން ޖައްސާފައި ހުރި އިންޖީނު ނިމޭނެ. އޭރުން ކަރަންޓުގެ މައްސަަލައަށް ހައްލެއް ލިބޭނެ."
މާފުއްޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަަލައިގައި އެންމެ ބޮޑު "ތަކުލީފެއް" އުފުލަމުން ދަނީ، އެރަށުގައި ހުންނަ ޖަލުގެ މުވައްޒަފުންނެވެ. ގައިދީން ތިބޭ ސަރަހައްދަށް ކަރަންޓު ދިނުމަށް، މުވައްޒަފުން ތިބޭ "އޭރިޔާ"ގައި ދިއްލާފައި ހުރި ދެތިން ބޮކި ފިޔަވައި ކަރަންޓު ބޭނުންކުރާ އިތުރު އެއްވެސް އެއްޗެއް ބޭނުމެއް ނުކުރެ އެވެ.
"ޖަލު ބަލަހައްޓާ ފަރާތުން ދަނީ އަޅުގަނޑުމެންނަށް ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވަމުން. ސަބަބަކީ، ގައިދީންނަށް ކަމެއް ވެއްޖިއްޔާ އެއީ ވަރަށް ބޮޑު މައްސަކައަކަށް ވާނެ ދެއްތޯ؟ އެހެންވެ އެތަނުގެ މުވައްޒަފުން ތިބޭ ސަރަހައްދުގައި ގިނައިން ކަރަންޓު ބޭނުންކުރާ އެއްވެސް އެއްޗެއް މި ވަގުތު ބޭނުމެއް ނުކުރޭ،" ލިއުޝާ ވިދާޅުވި އެވެ.
މާފުށިން ސަންއާ ވާހަކަދެއްކި މީހަކު ބުނީ، ރަށުގައި ކަރަންޓު ނެތުމުން ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުން ދާކަމަށެވެ. އަދި 400 އެއްހާ ފަތުރުވެރިން އެރަށުގެ އެކިއެކި ގެސްޓުހައުސް ތަކުގައި މިވަގުތު ތިބިއިރު، ހިދުމަތް ދިނުމުގައި ވެސް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާ ކަމަށެވެ.