ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މައްސަލަތަކެއް ހުރި ފަސް ފޮށްޓެއްގެ ވޯޓު ކަރުދާސްތައް މިރޭ އިލެކްޝަންސް ކޮމިޝަނުން އަލުން ގުނައިފި އެވެ.

ވޯޓްކަރުދާސްތައް އަޅައި ބަންދުކޮށްފައިވާ ސިޓީ އުރަތައް ކަނޑައި، އަލުން ގުނި ފަސް ފޮށީގެ ތެރެއިން ހަތަރު ފޮށިން ފެނުނު މައްސަލައަކީ، ކެންޑިޑޭޓުންނަށް ލިބުނު ވޯޓާއި ޖުމްލަ ވޯޓުގެ އަދަދު ދިމާނުވުމެވެ. އަދި އަނެއް ފޮށި ތަކުން ގުނީ އެ ފޮށީގެ ވަގުތީ ނަތީޖާ ޝީޓް އެ ކޮމިޝަނަށް ނުލިބިވާތީ އެވެ.

ވޯޓުގެ އަދަދު ދިމާނުވެގެން ގުނީ ކ. ހިންމަފުށީގައި ބެހެއްޓި އެއް ނަމްބަރު ވޯޓު ފޮށްޓައް ވޯޓުލީ މީހުންގެ ތެރެއިން އއ. މަތިވެރީ ދާއިރާ އަށް ވޯޓުލި މީހުންގެ ކަރުދާހާއި މެލޭޝިއާގެ ކުއަލަމްޕޫރުގައި ބެހެއްޓި ފޮށްޓައް ވޯޓުލީ މީހުންގެ ތެރެއިން ވިލުފުށީ ދާއިރާ އަށް ވޯޓުލި މީހުންގެ ކަރުދާސްތަކެވެ. އަދި ޏ. ފުވައްމުލަކުގެ ހޯދަޑު އަވަށުގައި ބެހެއްޓި ފޮށްޓައް ވޯޓުލީ މީހުންގެ ތެރެއިން ފޮނަދޫ ދާއިރާ އަށް ވޯޓުލި މީހުންގެ ކަރުދާސްތަކާއި ފިހާޅޮހި ރިސޯޓްގައި ބެހެއްޓި ފޮށްޓައް ވޯޓުލީ މީހުންގެ ތެރެއިން ފަރެސް މާތޮޑާ ދާއިރާ އަށް ނިސްބަތްވާ ވޯޓު ކަރުދާސްތައް ވެސް ނަތީޖާ ދިމާނުވާތީ ގުނިއެވެ.

ވަގުތީ ނަތީޖާ ޝީޓް ނުލިބިގެން ގުނީ އދ. މާމިގިލީގައި ބެހެއްޓި ފޮށްޓަށް ވޯޓުލީ މީހުންގެ ތެރެއިން އަލިފުށީ ދާއިރާ އަށް ވޯޓުލި މީހުންގެ ވޯޓު ކަރުދާސްތަކެވެ.

އެ ފަސް ދާއިރާގެ ވޯޓު އަލުން ގުނި ނަމަވެސް މިހާރު ހޮވިފައިވާ ކެންޑިޑޭޓުން ބަދަލުވާ ވަރުގެ އުނި އިތުރެއް އެއިން ދާއިރާއެއްގެ ނަތީޖާއަކަށް ނާދެއެވެ.

ސިޓީ އުރަތައް ކަނޑައި ގުނުމަށް ފަހު އަދި އޭގެ ފަހުން އަލުން ބަންދުކުރީ ކެންޑިޑޭޓުންގެ މަންދޫބުންނާއި ނޫސްވެރިންގެ ހާޒިރުގަ އެވެ.