24 Mar 2014, 22:17
ހއ. ބާރަށު ގޮނޑުދޮށުން ބޮމެއް ކަމަށް ބެލެވޭ އެއްޗެއް ފެނިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެރަށުގައި ހަރަކާތްތެރިވާން ފަށައިފި އެވެ.
ބާރަށު ހުޅަނގު ފަރާތު އަތިރިމަތިން ގޮތްނޭނގޭ އެއްޗެއް ފެނިފައި ވަނީ، މިއަދު ހަވީރު 5:30 ކަންހާއިރު ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުންޏެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ، ބާރަށު ގޮނޑުދޮށުން ގޮތްނޭނގޭ އެއްޗެއް ފެނިގެން، އެ އެތި އެމްއެންޑީއެފާ ހަވާލުކޮށްފައި ވާކަމަށެވެ. އަދި އެއާ ބެހޭ އިތުރު މައުލޫމާތު މީޑިއާއަށް ދޭނީ އެމްއެންޑީއެފް އިން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖާ ހުސައިން އަލީއަށް ސަންއިން ތަކުރާރުކޮށް ގުޅުމުން ވެސް، ފޯނު ނުނަންގަވާތީ، އެ އެއްޗާ ބެހޭ ގޮތުން އިތުރު މައުލޫމާތު ލިބޭ ގޮތެއް ނުވި އެވެ.