24 Mar 2014, 19:06
މެލޭޝިޔާ އެއާލައިންސްގެ ގެއްލިފައިވާ ބޯޓު، އެމްއެޗް 370، އިންޑިއާ ކަނޑުގެ ސަރަހައްދަކަށް ވެއްޓިފައިވާ ކަން މިހާރު ކަށަވަރު ވެފައިވާ ކަމަށް މެލޭޝީޔާގެ ބޮޑު ވަޒީރު ވިދާޅުވެއްޖެ އެވެ.
މީގެ ކުޑަ އިރުކޮޅެއް ކުރިން ދެއްވި ޕްރެސްކޮންފަރެއްންސެއްގައި ބޮޑުވަޒީރު ނަޖީބު އަބްދުއް ރައްޒާގު، ވިދާޅުވީ ބޯޓު ހޯދުމަށް އެންމެ ފަހުން ކުރެވުނު މަސައްކަތްތަކުގެ އަލީގައި، އެ ބޯޓު ވަނީ، އިންޑިއާ ކަނޑުގެ ދެކުނުން އޮސްޓްރޭލިޔާގެ ޕާތާ ވީ ސަރަހައްދަށް ވެއްޓިފައިވާކަން މިހާރު ކަށަވަރުވެފައި ކަމަށެވެ.
ބޮޑުވަޒީރު ވިދާޅުވީ ބޯޓު ކަނޑަށް ވެއްޓިފައިވާ ކަމަށް ނިންމާފައިވަނީ، ސެޓެލައިޓް މެދުވެރިކޮށް ހޯދިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ. ޔޫކޭ އެއާ އެކްސިޑެންޓް އިންވެސްޓިގޭޝަން ބްރާންޗުން ސެޓެލައިޓްގެ އެހީގައި އެ ބޯޓު އެންމެފަހުން ދަތުރުކުރި މަގު ދެނެގެންފައި ވާކަން ފާހަގަކުރައްވަމުން ނަޖީބު ވިދާޅުވީ، ބޯޓު ދަތުރުކުރަމުން ގޮސް ގެއްލިފައިވަނީ، ކައިރީގައި ހިކިފަސް އެއްވެސް ތަނެއް ނެތް އެކަހެރި ހިސާބަކަށް ކަމަށެވެ.
އެއްއެޗް 370 ވީނުވީއެއް ނޭނގި ގެއްލިފައިވަނީ، މިމަހުގެ އަށް ވަނަ ދުވަހު، މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަތުރުކުރަމުން ދަނިކޮށެވެ. އެބޯޓުން ބޯޓުގައި ފަޅުވެރިންނާއި ފަސިންޖަރުންނާއެކު ޖުމުލަ 239 މީހުން ދަތުރު ކުރިއެވެ.
ބޮޑުވަޒީރު ނަޖީބު ވިދާޅުވީ، މެލޭޝިޔާ އެއާލައިންސް އިން މިހާރު ވަނީ، އެމްއެޗް 370 އިން ދަތުރުކުރި ފަރާތްތަކުގެ އާއިލާ ތަކަށް، އެ ބޯޓަށް ވީގޮތް އަންގާފައި ކަމަށެވެ. އަދި އެމަނިކުފާނު ވަނީ، އެ ބޯޓުން ދަތުރުކުރި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފަ އެވެ.